ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އައިޖީއެމްއެޗް ހިމެނޭ ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން އިއްޔެ ބުނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ ފޭސް ތިނެއްގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އެގޮތުން ތާޖުއްދީން ހިންގުމުން ފެށިގެން ތިން ރުއް ޕާކާ ހަމައަށް ބަންދުކޮށް އެ ސަރަހައްދު ހެދުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

އެމްޓީސީސީން ބުނީ އެ ސަރަހައްދުން ގާތަށް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދުވާރު ތަރައްގީ ކުރުމުގެ މަސައްކަތް މި ހަފުތާގައި ފެށޭނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ތަރައްގީ ނުކޮށް ބާކީ އޮތް ސަރަހައްދު ކަމަށްވާ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް މިއަދު ފެށިއިރު، އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށް މިހާރު ވަނީ ރާވައިފައެވެ.

06 އޮކްޓޫބަރު 2026، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އައިޖީއެމްއެޗް ހިމެނޭ ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މާލެ ވަށައިގެން އޮންނަ ރިންގް ރޯޑް ފުރިހަމަކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަނީ މަރުހަލާތަކަށް ބަހާލައިގެންނެވެ.

މިދިޔަ ޖޫން މަހުގެ 23 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ދެ ފިޔަވައްސެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލައިފައެވެ.

އެގޮތުން އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފައެވެ. ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހަމަޔަށް 4 ލޭނަށް ފުޅާކޮށް ތަރައްގީކޮށް އެ ސަރަހައްދު ހުޅުވާލާފައިވަނީ ޖުލައި މަހުއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.