ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާކުރި ފަސް މީހުންގެ މައްސަލަ ބޭރު ކޮށްލި މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެތި މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލުމުން، ހައްޔަރު ކުރި ފަސް މީހުން ވެސް މިހާރު ދޫކޮށްލައިފަ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން، އެ މައްސަލަ ޕީޖީގެ އޮފީހުން އިސްތިއުނާފު ނުކުރި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެކަން ކުރިއަށް ގެންދާނެ ގޮތަކާމެދު މެންބަރުންގެ ހިޔާލަށް ހުޅުވާލުމުން ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވީ އެ މައްސަލައިގައި ފުލުހުންނާއި ޕީޖީ އޮފީހުން އަމަލުކޮށްފައިވާ ގޮތާމެދު ކަންބޮޑުވުންތަކެއް ހުރުމުން 241 ކޮމިޓީއާއެކު ޖޮއިންޓް ކޮމިޓީއަކުން އެ މައްސަލަ ބެލުމަށާއި ޕީޖީ ކޮމިޓީއަށް ހާޒިރުކުރުމަށެވެ.
އެގޮތުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރު ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ އެމައްސަލާގައި ކަން ހިނގި ގޮތް ސާފު ކުރުމަށް ޕީޖީ ޝަމީމް އެ ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.
އޭޕްރިލް 2019 ގައި ފެނުނު އެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގއ. ކޮނޑޭ/ ގަހާކޯޅި، އަހުމަދު އަނީލް (34)، ގދ. ގައްދޫ/ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ/ ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ/ ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ/ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.
މި މީހުންގެ މައްޗަށް ދައުވާކުރީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހަތަރު މީހަކަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ.
މި މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކޮށްލުމުން ޕީޖީން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ނަމަވެސް އެކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
ނަމަވެސް ޕީޖީން ނިންމީ މި މައްސަލަ އިސްތިއުނާފު ނުކުރުމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު