އަހުމަދު ސަލީމް (ހޯރަފުށީ ދާއިރާ)

ޖޫން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށް މެންބަރު ސަލީމު އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

ލަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު، އަންނަ ޖޫން މަހުގެ ފަހުގެ ތާރީހަކަށް ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެދިވަޑައިގެންފިއެވެ.

މެންބަރު ސަލީމު މިކަމަށް އެދިވަޑައިގެންނެވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް، އެ އިންތިހާބާބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ އިބުތިދާއީ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަމުންނެވެ.

ސަލީމް ވިދާޅުވީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރަން ޖެހޭ ކަމަށާއި، އެކަމަށް އެކަނިވެސް 3.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ވޯޓުލާ ކިއުތަކުގެ ތެރެއިން ކޮންމެ ކިއުއެއްގައި، ވޯޓުލާން އަންނަ މީހުންގެ ފިނި ހޫނު މިން ބެލާނެ ތެމޯމީޓަރަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ ކަންތައްތަކުގަ 600 އޮފިޝަލުން މަސައްކަތް ކުރާއިރު، އެއިން ކޮންމެ މީހެއްގެ ޕާސަނަލް ޕްރޮޓެކްޓް އިކުޕްމެންޓް (ޕީޕީއީ)އަށް އިތުރު ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ރައްކާތެރި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުމަށް އިތުރު 7.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސަލީމު ވިދާޅުވިއެވެ.

އެހެންކަމުން "މިހާ ތާށި، ދަތިި ދަނޑިވަޅެއްގައި އަދި އަސާސީ ކަންކަމަށް ފައިސާ ނުލިބިގެންއުޅޭވަގުތެއްގައި ހަމަ ކޮންމެހެން މި ހަރަދުތައްކޮށްގެން އިންތިހާބު ބޭއްވުން މުހިންމުތޯ؟،" ސަލީމު ސުވާލު ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސް ނެންގެވުމުގެ މަތިން މިމަހުގެ ތެރޭގައި ރާއްޖެއަށް ކޮވިޑް ވެކްސިން ގެނައުމަށް ސަރުކާރުގެ އޮފިޝަލުން މަސައްކަތް ކުރައްވާއިރު، މިއަހަރުގެ މެއި ކަމުގެ ނިޔަލަށް ރާއްޖޭގައި ވެކްސިންދީ ނިމޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް މިއޮތް ރަމަލާން މަހުގެ ފަހުން ޖޫން މަހާ ހަމައަށް އިންތިހާބު ފަސްްކޮށްލައިފިނަމަ ކިތަންމެ ހަރަދަކުން ސަލާމަތްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރަށްރަށަށް ދަތުރުކޮށް، މިނިވަން ކަމާއެކު ކެމްޕެއިންކޮށްގެން މިނިވަން އިންސާފުވެރި، އަދި ބޭރުގައުމުތަކުންވެސް ގަބޫލުކުރާ، ރާއްޖެއަށް ރީތިނަން ލިބޭފަދަ އިންތިހާބެއް ބޭއްވިގެންދާނެ ކަމަށްވެސް ސަލީމު ވިދާޅުވިއެވެ.