ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެއްވެސް ވަރަކަށް ޝައުގުވެރިކަމެއް ނެތްކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އޭނާއަކީ ދުވަހަކުވެސް މަގާމުތަކަށް ފައިނަގައި، ދަހިވެތިވި ބޭފުޅެއް ނޫން ކަމަށެވެ. ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަކީ އޭނާ އަމިއްލައަށް އެދިގެން ހޯދި މަގާމެއް ނޫން ކަމަށާއި، އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ ހަމައެކަނި ޕާޓީގެ މަސްލަހަތާއި ގައުމީ ހިދުމަތުގެ ރޫހުގައި ކަމަށެވެ.

"އަޅުގަނޑަކީ ވެސް މިހާރު އުމުރުން ދުވަސްވެފައިވާ މީހެއް. އަޅުގަނޑަކީ ޅަ މީހެއް ނޫން. ސިޔާސީ ދާއިރާއިން ނުކުމެގެންދާއިރު ބޮލުގައި ހުރި ކަޅު އިސްތަށިތައް މިހާރު މިވަނީ ހުދުވެފައި،" ސަލީމް ވިދާޅުވިއެވެ.

”އަޅުގަނޑުވެސް މަޖިލީހުގެ ނައިބުރައީސްކަމެއް ބޭނުމެއް ނޫން. އެހެންނަމަވެސް، މިއަދުގެ ހާލަތާ މިއަދުގެ ޕާޓީގެ މަސްލަޙަތާ ޕާޓީގެ އެކުވެރިކަމާ ޕާޓީގެ ގުޅުން ބަދަހިކުރުމަށްޓަކާ ވަރުގަދަ ކުރުމަށްޓަކާ އަޅުގަނޑު މި މަގާމާ ހަވާލުވީ"

ސަލީމް ވިދާޅުވީ، މަޖިލީހުގެ އިދާރާއިން ފޮނުވި ރަސްމީ ކާރަށް އަރަން ވެސް އިއުތިރާޒު ކުރެއްވި ކަމަށެވެ. އަދި އޭނާއަކީ އަދިވެސް އާދައިގެ މީހުންނާއެކު ސައިކަލު ފަހަތުގައި ދަތުރުކުރަން ބޭނުންވާ މީހެއް ކަމަށާއި، ވަކި ބައެއްގެ ފަރާތުން ހާއްސަ ސެކިއުރިޓީއެއް ހޯދައިގެން މާ މަތީ ފެންވަރެއްގައި އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތް އޮތީ 126 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މިހާރު ޖުމްލަ ދަރަނީގެ އަދަދަކީ 150 ބިލިއަންގައި ކަމަށާއި، މި ސަރުކާރުން ނަގާފައިވަނީ 24 ބިލިއަން ރުފިޔާގެ ލޯނުކަމަށް ސަލީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން 60 ބިލިއަންގެ ދަރަނި ނަގާފައިވާކަމަށް ބުނާ ބުނުމަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ސަލީމް ވިދާޅުވިއެވެ.