ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިމުގެ ގާނޫނުގައި ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ކުޑަކޮށް، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރަށް ބޮޑެތި ބާރުތަކެއް ދީފައިވާތީ އެ ބިލަށް ތާއީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ، މި ބިލަކީ ޒަމާނީ ޑިމޮކްރަސީއާ ބީރައްޓެރި، ލާމަރުކަޒީ އުސޫލުތަކަށް ތަބާނުވާ، އަދި ބިމުގެ ކަންކަން ހިންގުމަށް މިހާރު ފަރުމާކޮށްފައިވާ ނިޒާމާ މުޅިން ބީރައްޓެހި، ވަރަށް ބޮޑަށް ރައްޔިތުންގެ ބާރު ކެނޑޭގޮތަށް އޮތް ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން އެކި ކަންކަމަށް ބިން އެކަށައަޅައި ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ގާނޫނަކުން ދީފައިވާ ކަމަށެވެ

ނަމަވެސް މި ބިލުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް މިނިސްޓަރުގެ އަތްޕުޅަށް ފުރޮޅިގެންދާ ކަމަށެވެ. އެގޮތުން އެ ބިލްގެ އަށްވަނަ މާއްދާ ސަލީމް ފާހަގަ ކުރެއްވިއެވެ.

ބިލުގެ އަށްވަނަ މާއްދާގައި ބުނެފައި ވަނީ ބިމާއި ގޯއްޗާއި ބިމާ ގުޅޭ މުއާމަލާތްތައް ރަޖިސްޓްރީ ކުރުމަށާއި ބިމުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާ އޮފް ލޭންޑް ކަމަށެވެ. އޭނާ ޖަވާބުދާރީ ވާނީ މިނިސްޓަރަށް ކަމަށްވެސް ބުނެފައިވެއެވެ. އެމަގާމަށް މިީހަކު އައްޔަން ކުރާނީވެސް މިނިސްޓަރެވެ.

ސަލީމް ވިދާޅުވީ ބިން ރަޖިސްޓްރީ ކޮށްދޭނީ ހަމައެކަނި ރަޖިސްޓްރާ އޮފް ލޭންޑް ކަމަށް ބިލްގައި އޮތުމުގެ މާނައަކީ ކައުންސިލްތަކުން މިހާރު ދޫކުރާ ބިމުގެ ރަޖިސްޓްރީ ދޫކުރުމުގެ ބާރުވެސް އެ ފަރާތްތަކުގެ ކިބައިން ނިގުޅައި ގަނެގެންދިއުމެވެ.

"މި ބިލުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް މިދަނީ މިނިސްޓަރެއްގެ އަތްޕުޅަށް މިއީ ކަންބުޑުވުމެއް، ބިން ރަޖިސްޓްރީ ކޮށްދޭނީ ހަމައެކަނި ރަޖިސްޓްރާ، މާނައަކީ މިހާރު ކައުންސިލްތަކުން މި ދޫކުރާ ބިމުގެ ރަޖިސްޓްރީ ދޫކުރުމުގެ ބާރުވެސް މިބިލް ގާނުނަކަށްވުމުން ނުލިބޭނެ،"

ރާއްޖޭގެ ބިން އެކި ބޭނުންތަކަށް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބިލްގެ 34 ވަނަ މާއްދާގައި ބުނެފައިވާތީވެސް ސަލީމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ރާއްޖޭގެ ބިން އެކަށައެޅޭނެ ބޭނުންތައް ކަނޑައެޅުމަށްފަހު އެ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގެ ބިން އެކި ބޭނުންތަކަށް ކަނޑައަޅުއްވާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގެ 22 ވަނަ މާއްދާގެ ވ. ގައިވާގޮތުން ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކައުންސިލާ ހަވާލުކުރާ އެނޫންވެސް ބިމާއި ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްތަކުން އެކުލަވާލާ އެރަށެއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެކި ބޭނުންތަކަށް ބިން އެކަށަ އެޅުމާއި ބޭނުންކުރުމާއި ކުއްޔަށް ދިނުމާއި ދިނުމުގެ ބާރު އޮތީ ކައުންސިލްތަކަށް ލިބިދީފައި. ނަމަވެސް މިބިލް ގާނޫނަކަށްވުމުން މި ބާރުތައް ކައުންސިލްތަކުން ނިގުޅައިގަނޭ،"

ސަލީމް ވިދާޅުވީ، ރަށެއް ނުވަތަ ސިޓީއެއްގައި ނަމަ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޭނީ އެތަނަކުން ކަމަށް ބިލްގައި އޮތް ނަމަވެސް އެކަން ކުރަންވާނީ ކަނޑައަޅާ ވަކި ޝަރުތުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޮތުމުން ކަންބޮޑުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބިލްގެ 55 ވަނަ މާއްދާ މިހާރު ފަރުމާކޮށްފައި އޮތްގޮތުން ވަކި މަޝްރޫއެއްގެ ދަށުން ރަށެއްގައި ތަރައްގީ ކުރާ ތަންތަނުންވެސް ކައުންސިލްތަކަށް ގޯތިތައް ދޫނުކުރެވޭނެ ކަމަށެވެ. އެކަން ކުރުމުގެ ބާރު ލިބެނީ މިނިސްޓަރަށް ކަމަށްވެސް ވިދާޅުވިއެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި ދިރިއުޅެން ނުފަށާ ގޯތިތައް އަތުލެވޭ ގޮތަށް ބިލްގެ 66 ވަނަ މާއްދާގައި އޮތުމަކީވެސް ކަންބޮޑުވުމެއް ކަމަށް ސަލީމް ވަނީ ފާހަގަ ކުރައްވައިފައެވެ.

"ރާއްޖޭގެ އާއްމު ހާލަތަށް ބަލާއިރު ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ނުފެށުމަކީ އެކަށީގެންވާ ކަމެއް. ހާލަތަށް ބަލައި މުއްދަތު އިތުރުކުރެޥޭ ގޮތަށް އޮތުން މުހިއްމު،"

ސަލީމް ވިދާޅުވީ ބިންތައް އަގު ކުރުމުގެ ބާރު މިނިސްޓަރަށް ބިލްގައި ދީފައިވާމަކީވެސް ގޯހެކެވެ. އޭރުން އެކަން އިންސާފުވެރި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.