ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫ އާއި ގއ. ވިލިނގިލިން ވެސް ސާމްޕަލް ނަގާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެއްވަދޫން ޕޮޒިޓިވްވި 16 މީހުންނާއި ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހުންގެ އިތުރުން ހުޅުމާލެއިން އެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި ދެ މީހުންނެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އާންމުކޮށް އެރަށުން މީހުން ދަތުރުކުރާ ރަށްތަކުގައިވެސް ރެންޑަމް ސާމްޕަލް ނަގާނެ ކަމަށެވެ.

"އާންމުކޮށް ދެއްވަދޫ ކަހަލަ ރަށަކުން މީހުން އެކި ބޭނުމަށް، މިސާލަކަށް ސިއްހީ ބޭނުމަށްވެސް، އެނޫން ބޭނުމަކަށްވެސް ދަތުރުކުރާނެ ކަމަށް ބެލެވޭ ރަށްރަށުގައި އެކްޓިވް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނެ. އެގޮތުން ގއ. ވިލިނގިލީ، ގދ. ތިނަދޫގައި އަދި ލާމު އަތޮޅުގައިވެސް އަޅުގަނޑުމެން އެކްޓިވް ސާމްޕަލް ނެގުމުގެ ކަންކަންވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކުރެވިގެންދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި، ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެކި އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރާ ދެއްވަދޫ ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރާ މީހެއްގެ އަންހެނުންނާއި ދަރިފުޅުވެސް ހިމެނެއެވެ. އެނގިފައިވާ ގޮތުގައި، އެ ސަޕްލައި ދޯނި ވަނީ ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައެވެ.