ޕާސްޕޯޓް ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބި، އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއް އުސޫލުން ޕާސްޕޯޓު ދޫކުރަން ފަށާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ބަދަލުތަކެއް ގެނައީ، ރާއްޖެއަށް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ މެޝިނަރީތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. އެ ދުވަސްވަރު ދިމާވި ދަތިތަކާ ގުޅިގެން އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ތިބި ފަރާތްތަކުގެ ތެރެއިން މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ. އަދި އަލަށް ޕާސްޕޯޓު ހައްދައިގެން އިންޑިއާއާއި ސްރީ ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓު" ދޫކުރުމުގެ ހިދުމަތްވެސް ދިނެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އަންނަ ހަފުތާގެ ތެރޭގައި ޕާސްޕޯޓް ބުކްލެޓުގެ އާ ސްޓޮކް ލިބޭނެ ކަމަށާއި، އެއާއެކު އާންމު އުސޫލުން ހުރިހާ ފަރާތްތަކަށްވެސް ޕާސްޕޯޓު ދޫކުރަން ފަށާނެ ކަމަށެވެ. އަދި އާންމު އުސޫލަށް ރުޖޫއަވުމުން އިމަޖެންސީ ޕާސްޕޯޓު ދޫކުރަމުންދާނީ ހަމައެކަނި އެފަދަ ހާއްސަ ހާލަތްތަކުގައި އެކަނިކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި މުއްދަތުގެ ތެރޭގައި ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދީފައިވާ ފަރާތްތަކާ މެދު ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ވަކި އުސޫލެއް އަންނަ ހަފުތާގައި އާންމުކޮށް އިއުލާންކުރާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.