ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވައިފިއެވެ.

މި ބައްދަލުވުން ބޭއްވީ ސަރުކާރުން އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، އެ މަޝްރޫއުތަކުގެ ތަންފީޒީ ދުވެލި އިތުރަށް ހަލުވިކުރުމާ މެދު މަޝްވަރާކުރުމަށެވެ.

ރައީސް އޮފީހުން މައުލޫމާތުދީފައިވާ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތައް ފުއްދުމަށް ކުރެވެމުންދާ މަސައްކަތްތަކަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް، އެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ވަނީ ބައްލަވައިފައެވެ. މި މަޝްވަރާތަކުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރައްވާފައިވެއެވެ.

މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވި ތަކެތީގެ ދަތިކަމަށް މިހާރު ގެނެވިފައިވާ ހައްލުތަކާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މި ހައްލުތަކާއެކު، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ފަށައި، ކުރިއަށްގެންދިއުމަށް ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވައިފައެވެ.

މީގެ އިތުރުން، ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް ރައީސް އެދިވަޑައިގަތެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކުންވެސް އިތުރު ހިތްވަރަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވައިފައެވެ.