ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމާއި ހިތްހަމަ ނުޖެހި އެ މައްސަލަ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައަކީ އުމުރުން 18 އަހަރު ފުރިފައިވާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހެއްގެ މައްޗަށް އުފުލި ދައުވާއެކެވެ. އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ނިންމީ އަނިޔާ ލިބުނު މީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ފަދަ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.

ހައިކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

"ހުށަހެޅި ލިޔުމާއި ބެހޭ ސުވާލެއް، ދެބަސްވުމެއް އޮތް، ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ. އަޅުގަނޑުމެން ދާނީ ސާބިތުކަމާއެކު، ގޮތް ދޫނުކޮށް އިންސާފު ގާއިމް ކުރުމުގައި ކުރިއަށް" ޝަމީމް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ހުކުމުގައި ބުނީ، އެ މައްސަލާގައި އަނިޔާ ލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއްކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިިލްމީއެވެ.