އަމިއްލަ ކުންފުންޏަކަށް ގދ. ތިނަދޫ ސިޓީން ބިންތަކެއް ދޫކުރި މައްސަލައިގައި އެ ސީޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

އޭސީސީން މިއަދު ބުނީ ސައުދަށް ދައުވާކުރަން ޕީޖީއަށް ފޮނުވަން ނިންމީ، ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެ ކަމަށް، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވީ ނަމަވެސް ބީލަމަށް ހުޅުވާނުލައި ގަވާއިދާ ހިލާފަށް ކުންފުންޏަކަށް ބިމެއް ދޫކުރަން ނިންމައި އެ އެއްބަސްވުމުގައި ސޮއިކޮށް، އޭގެ އިތުރުން ވެސް އިތުރު ތިން ބިމެއް އެ ކުންފުންޏަށް ދޫކޮށްފައިވާތީއެވެ.

ސައުދުގެ އިތުރުން އެ ސިޓީގެ ތިން ކައުންސިލަރެއްގެ މައްޗަށް ވެސް ދައުވާކުރަން ފޮނުވުމަށްވެސް ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އާމިނަތު ނަސީމާ
  • އަހުމީމާ އަހްމަދު
  • އާއިޝަތު ލިއުޝާ ޒުބައިރު

އެ ބޭފުޅުންނަށް ދައުވާކުރަން ނިންމާފައި ވަނީ، ކައުންސިލް ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ތާއީދުކޮށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ބިން ދޫކޮށްފައިވާތީއެވެ.

މި އެންމެންގެ މައްޗަށް ކުރަން ނިންމާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ސައުދުގެ މައްޗަށް މިހާރުވެސް ވަނީ ދެ ދައުވާއެއް ހުށަހަޅައިފައެވެ. އެއީ ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެ ދެ ދައުވާއަކީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.