ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދުލާން ލަތީފްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުން، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުން އަނބުރާ ގެންގޮސްފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުން މި މައްސަލައިގެ ތަހުގީގު ނިންމައި އެ އޮފީހަށް ފުރަތަމަ ހުށަހެޅީ 5 މެއި 2026 ގައެވެ. މައްސަލައިގެ ލިޔުންތައް ދިރާސާކުރުމަށްފަހު، ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ ފުރަތަމަ ނިންމީ ދައުވާ ނުކުރުމަށެވެ. އެހެންނަމަވެސް، ފުލުހުންގެ އެދުމުގެ މަތިން އެ ނިންމުން މުރާޖައާކުރަމުން ދިޔައިރު، ދައުވާކުރުމުގެ ގާނޫނީ މުއްދަތު ހަމަވާތީ، ފަހުން ދައުވާކުރުމުގެ ފުރުސަތު ބަންދުވިޔަ ނުދިނުމަށްޓަކައި 19 މެއި 2026 ގައި ކޯޓަށް ދެ ދައުވާއެއް ހުށަހެޅިއެވެ.
އާދަމް އަދުލާން ލަތީފްގެ މައްޗަށް އޭރު އުފުލީ ގާނޫނުލްއުގޫބާތުގެ 246 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ކޮމްޕިއުޓާ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާންކާޑު ބެހެއްޓުމުގެ ދައުވާއާއި، އެ ގާނޫނުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.
ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު އިތުރަށް މުރާޖައާކުރުމުން، ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމި މައިގަނޑު ސަބަބުތަކެއް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އޭނާގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތަކީ ކުޑަކުދިންގެ އޮރިޔާންކާޑު ވިއްކުން ކަމަށް ވިޔަސް، އެފަދަ އެއްޗެއް ވިއްކައި ވިޔަފާރިކުރިކަން، ނުވަތަ އެހެން މީހަކަށް ފޮނުވިކަން، ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން، ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އޭގެ ތެރެއިން ގިނަ ޑިވައިސްތަކަށް އޭނާ ޒިންމާކުރުވޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އާދަމް އަދުލާން ލަތީފްއާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާންކާޑު ފެނުނު ނަމަވެސް، އެއީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހޯދިފައިނުވާ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރިއެވެ. އެހެންކަމުން، ކޮމްޕިއުޓާ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާންކާޑު ބެހެއްޓުމުގެ ދައުވާ ކުރިއަށްގެންދެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ލިބިފައިވާ ހެކިތަކަށް ބަލާއިރު ކުރިއަށްގެންދެވެން އޮތް ހަމައެކަނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ. ގާނޫނުގައި އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ އެ މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި އެންމެ ކުޑަ އަދަބަކީ ނުވަ ދުވަހަށް ޖަލަށްލުން ކަމަށްވާ އިރު، އޭނާ ވަނީ ތަހުގީގު މަރުހަލާގައި ބަންދުގައި 28 ދުވަސް ހޭދަކޮށްފައެވެ. އެހެންކަމުން، ދައުވާ ސާބިތުވާ ހާލަތުގައި ކަނޑައެޅޭނެ އަދަބުން، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނޯންނާނެތީ، އެ ދައުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު ނެތް ކަމަށް ނިންމައި މައްސަލަ ވަނީ ކޯޓުން އަނބުރާ ގެނެސްފައެވެ.
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ކޮމެންޓް