ބަނދަރުމަތީ ފިހާރަތަކާއި މާރުކޭޓު ގޮޅިތަކާއި ބައެއް ރެސްޓޯރެންޓްތަކުން އުކާލަން ނެރެފައިވާ އެކިއެކި ކާބޯތަކެތި ހޮވައިގެން ދަބަހަށް އަޅާތަން ފެނުމަކީ މިހާރު މާލޭގައި އާއްމު ކަމެކެވެ. ބޮޑުބައެއް ހަލާކުވެފައި ހުންނަ ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވެސް ހޮވައި ސާފުކޮށް ދަބަސްތަކަށް އަޅަ އެވެ. އެ މަސައްކަތުގައި އުޅެނީ މާރުކޭޓު ސަރަހައްދާއި މަގުތަކުގައި ނިދައި އުޅޭ ދިވެހިންނެވެ. އެއީ މުޅިންހެން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ. އެ މީހުން އެގޮތަށް ގޮނޑުން ތަކެތި ހޮވައި ސާފު ކުރަނީ ކީއްކުރަންތޯ ސުވާލު ކުރުމުން ދިނީ އުނދަގޫ ޖަވާބެކެވެ.
"މި ވިއްކަނީ ހޮޓާތަކަށް،" ކުނި ވަށިގަނޑުން ހޮވާ ކާބޯތަކެއްޗަށް ހަދާގޮތް ބުނެދެމުން އެ މަސައްކަތް ކުރާ ދިވެހި ޒުވާނަކު ބުންޏެވެ.
ކެރެޓާއި ކެބެޖު ފަދަ އެއްޗެހި ހަލާކުވެފައިވާ ބައި ނަގައި އަނެއް ބައި އެ މީހުން ރައްކާކުރަނީ އެވެ. އެ މީހުން ބުނާގޮތުން އެ ސާފު ކުރިބައި އެ މީހުން ވިއްކަނީ މާލޭގައި ބިދޭސީން ހިންގާ ހޮޓާތަކަށެވެ.
"ދިވެހިންނެއް ނޫން ބަންގާޅީން (އޭނާ ސިފަ ކުރީ ބިދޭސީން) ހިންގާ ތަންތަނުން މި ގަންނަނީ،" ކުނިން އާމްދަނީ ހޯދާގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
އެތަކެތި ވިއްކަނީ ކޮންކޮން ހޮޓާތަކަކަށްތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދިނެވެ. ބުނިހާވެސް އެއްޗަކީ އެ ތަކެތި ގަންނަނީ ބިދޭސީން ހިންގާ ހޮޓާތަކަށް ކަމަށެވެ. މާލޭގައި އެ ނޫން ހޮޓަލެއް މަދު ވާނެ އެވެ. މުޅިންހެން ވެސް ބިދޭސީން ހިންގާ ތަންތަނެވެ.
މާރުކޭޓުގައި ތަރުކާރީ ވިއްކާ ގޮޅިއެއްގެ ވެރިޔަކު "ވަން އޮންލައިން" އަށް ބުނިގޮތުގައި އުކާލާފައި ހުންނަ ތަރުކާރީ ފަދަ ތަކެތި ސާފުކޮށްގެން މަސްތުވުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ހޮޓާތަކަށް ވިއްކުމަކީ މިހާރު ހިނގަމުންދާ އާއްމު ކަމެކެވެ. އޭނާ ވެސް ބުނިގޮތުގައި އެފަދަ ތަކެތި ގަންނަނީ ބިދޭސީން ހިންގާ ހޮޓާތަކަށެވެ.
"އެ މީހުން ގަންނާނެތާ ކެރެޓް ކިލޯއެއް ލިބޭ އަގަށް ވުރެ ތިން ގުނަ ހެޔޮކޮށް މި މީހުން ގެރެޓް ކިލޯއެއް ދޭނެ. މިތަނުން( ކުނިއަޅާތަނަށް އިޝާރާތް ކޮށްފައި) ނަގައިފައި. އެހެންވެ އެ ގަނެގެން އޭގެން އެ ތަކެތި ތައްޔާރު ކުރަނީ،" މާރުކޭޓުގައި ގޮޅި ހިންގާތާ 12 ވަރަކަށް އަހަރު ވެފައިވާ އެ ދިވެހި ވިޔަފާރިވެރިޔާ ބުންޏެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައެންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވީ އެފަދަ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށެވެ.
ތަރުކާރީ އާއި މޭވާގެ އިތުރުން ބައެއް އެހެން ޕްރޮޑަކްޓްތައް ވެސް އުކާލަން ނެރެނީ އެއީ ކެއިންބުއިމަށް އެންމެ ރަނގަޅު ތަކެތި ކަމަށް ނުވާތީ އެވެ. އެތައް ކުންޏަކާ އެކު އެފަދަ ތަކެތި އުކާލާފައި ހުއްޓައި އެތަކެތި ހޮވައިގެން ކުނިވެފައިވާ ބައި ނަގައިގެން ވިޔަސް ވިއްކުމަކީ ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.
މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ރިސޯޓްތަކުން ކެއްކުމަށް ބޭނުންކޮށް، އުކާލަން ތިލަފުއްޓަށް ގެންދާ ތެޔޮ ހަންހަން މާލެ ގެނެސް ހޮޓާތަކުގައި ކާބޯތަކެތި ތައްޔާރު ކުރަން ބޭނުން ކުރާ މައްސަލަ ކުރިން ވެސް ފެންމަތިވި އެވެ. އެއީ ތެލުގެ ހަރަދު ކުޑަކުރަން ބައެއް ހޮޓާތަކުން ކޮށް އުޅޭ ކަންކަމެވެ. އޭގެ ސަބަބުން ވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވުމުގެ ބިރު ބޮޑުވިއެވެ.
މާލޭގެ ގޭގެއިން އުކާލަން ނެރެފައި ހުންނަ ކުނިކޮތަޅުތައް ހޮވަން ދިވެހި ޒުވާނުންތަކެއް ތިބޭތަން މިހާރު އާއްމުކޮށް މަގުތަކުން ފެނެ އެވެ. އެ ކޮތަޅުތަކުގެ ތެރެއިން އެ މީހުންނަށް ބޭނުން ހިފޭ ޒާތުގެ އެއްޗެއް ހުރިތޯ ބަލައި ދަބަހަށް އަޅަނީ އެވެ. ބާވެ އުކާލަން ނެރެފައިވާ ފައިވާން ޖޯޑާއި އަތްދަބަހާއި ކުޑަކުދިން ކުޅޭ ސާމާނުތައް ފަދަ ތަކެތި އެ މީހުން އެއްކުރެ އެވެ.
އޯކިޑްމަގުގައި ކުނި ހޮވަން ހުރި ޒުވާނެއްގެ ގާތު އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ބުނީ ކޮވިޑް-19އާއެކު އޭނާގެ ވަޒީފާ ގެއްލިގެން ކުރާނެ އެހެން މަސައްކަތެއް ނެތުމުން އެކަން ކުރަނީ ކަމަށެވެ. އެގޮތަށް ކުނިކޮތަޅުތަކުން ހޮވާތަކެތި ނީލަން ފިހާރައިގައި ތިބޭ ބިދޭސީންނަށް ވިއްކުމުން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.
"މިހެން ވިއްކައިގެން ދުވާލަކު 30 ނޫނީ 50 ރުފިޔާ ލިބޭ. އޭގެން މިކަނީ،" އެ ޒުވާނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ނިދައި އުޅެނީ މާރުކޭޓް ސަރަހައްދުގަ އެވެ. ފާހާނާކޮށް އުޅެނީ ޕޭޓޮއިލެޓަށެވެ. ދެން ކުނި ވިއްކައިގެން ލިބޭ ފައިސާއިން ކާލެވޭ ވަރު ވާ ކަމަށް އޭނާ ބުންޏެވެ.
ގޮނޑުހޮވުމަކީ ކުރިންސުރެ މާލޭގައި އޮތް ކަމެކެވެ. ވެމްކޯއިން ކުނީގެ ކަންކަން މެނޭޖް ކުރަން ފެށި ހިސާބުން އެކަމަށް ހައްލެއް ލިބިގެން ދިޔަ އެވެ. ނަމަވެސް ކޮވިޑް-19އާއެކު ގޭގެއިން މަގުތަކަށް ކުނި ނެރެން ފެށުމާއެކު އަނެއްކާވެސް އެ މައްސަލަ މިއޮތީ ބޮޑުވެފަ އެވެ. އޭގެ އެންމެ ނުރައްކާތެރި ކަމަކީ އުކާލަން ނެރެފައި ހުންނަ ކާބޯތަކެތި ސާފުކޮށްގެން ހޮޓާތަކަށް ވިއްކާ މައްސަލަ އެވެ. އެއީ ބަލިތަކެއް ފެތުރެން އޮތް ނުރައްކާތެރި މަގެކެވެ. މިއީ ބަޔަކު ރިޕޯޓު ނުކުރި ނަމަވެސް ކަމާބެހޭ ފަރާތްތަކުން ސީރިއަސްކޮށް ބަލައި އަވަސް ފިޔަވަޅެއް އަޅަން ޖެހޭ މައްސަލައެކެވެ.