އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައި ނޫން ކަމަށާއި އެކަން ކުރީ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޓްރާންސްޕޭރެންސީ އެންޑް އެންޓި ކޮރަޕްޝަން ކޮންފަރެންސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ރާއްޖޭގައި ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެންމެ ފަހުން ފެންމަތިވި އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށެވެ.
"އެ މައްސަލަވެސް ފެންމަތިވީ ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން. ހަގީގަތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.
"މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން،" ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ދެފުށް ފެންނަ ގޮތެއްގައި ނަޒާހަތްތެރި ކަމާއެކު ޖަވާބުދާރީވެވޭނެ ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި އާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މިގާނޫނުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި ދިވެހި މުޖުތަމައުން ކޮރަޕްޝަންގެ ނުބައި ވިހަ ނައްތާލުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެ އަމަލުތައް ހުއްޓުވައި، ނަޒާހަތްތެރި ދައުލަތެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު