ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ރާއްޖެއަށް 2900 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން ލިބުނު މި ރެކޯޑާއެކު މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރާއްޖެއަށް އިއްޔެ ރެކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، އިއްޔެ އެކަނިވެސް ތިން އެއާލައިނަކުން ރާއްޖެއަށް ވަނީ ދަތުރުތައް ފަށައިފަ އެވެ. އެއީ ބްރިޓިޝް އެއާވޭސް ސީޝެލްސްގެ ގައުމީ އެއާލައިން، އެއާ ސީޝެލްސް އަދި ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އާސްތާނާ އެވެ.
މީގެ ތެރެއިން އެއާ ސީޝެލްސް އާއި އެއާ އާސްތާނާއަކީ ރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފެށި ދެ އެއާލައިނެވެ.
ބޯޑަރު ހުޅުވާލި ފަހުން މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 2299 ފަތުރުވެރިން އައިސްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރު މީގެ ކުރިން ވަނީ، މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިންގެ އަމާޒަށް ވާސިލުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު