ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 2:55 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި ކަމަށެވެ. އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނޫނެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ ބަހެއް ހޯދަން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅުމުން ވިދާޅުވީ، އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ތިން ފިރިހެނުން ކަމަށާއި އޭގެ ތެރެއިން އެކަކު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ.

"އަނެއް ދެ ޕޭޝަންޓުންނަށް އިމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަނީ" އިތުރު ތަފްސީލެއް ނުދެއްވައި އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.