ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން، ރައީސް އޮފީހުގެ ވެބްސައިޓުން އަބަދުވެސް ފެންނަން ހުންނާނެކަމަށް ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވެއްޖެއެވެ.

"އަދަދު" ނޫހުން މިއަދު ވަނީ "ރައީސް މުއިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި"، ސުރުހީގެ ދަށުން ހަބަރެއް ޝާއިއުކޮށްފައެވެ.

އެކަމާ ގުޅިގެން މުންދު މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އަދަދު ނޫހުގެ ހަބަރުގައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

މުންދު ވިދާޅުވީ ރައީސް މުއިއްޒުގެ އެސެޓް ޑެކްލެރޭޝަންއަކީ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި، ޕީޑީއެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑްކޮށްލެވޭ ގޮތަށް މިހާރުވެސް ޝާއިއުކޮށްފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

ރައީސްގެ މާލީ ބަޔާން، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެކަން މީގެކުރިންވެސް މީޑިއާ މެދުވެރިކޮށް އާންމުކޮށް އިއުލާންކޮށްފައިވާނެކަމަށް މުންދު ވިދާޅުވިއެވެ.

ރައީސް އޮފީސް އަދި ސަރުކާރާ ގުޅުވައިގެން މެދުނުކެނޑި، ބޮޑެތި ދޮގުތައް އަދަދު ނޫހުން ފަތުރަމުންދަނީ ސިޔާސީ މަގްސަދެއްގައި ކަމަށާއި، އެފަދަ ދޮގު މައުލޫމާތު ފާހަގަކޮށް، ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގައި ފަސްނުޖެހޭނެކަމަށް މުންދު ވިދާޅުވިއެވެ.