"ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް މިކަން އަބަދު ވެސް އަޅުގަނޑު ހަނދާނުގައި ބަހައްޓާނަން،" މިއީ މީގެ ދެ އަހަރު ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބު ކުރައްވައި ވިދާޅުވި ބަސްފުޅެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މަލްޓި ޕާޓީ ނުވަތަ ކޯލިޝަނެއްގެ ތެރެއިން ރާއްޖޭގެ ރައީސްކަން ކުރައްވާ ތިން ވަނަ ރައީސެވެ. މީގެ ކުރިން ދެ ފަހަރުވެސް ކޯލިޝަން ވެރިކަމެއް ގާއިމް ވެ، އަހަރެއްހައި ދުވަސް ތެރޭ ރޫޅިގެންދިޔަ މަންޒަރު ވަނީ ފެނިފަ އެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމަށް ދެ އަހަރުވެގެން ދިޔަ އިރު، ކޯލިޝަން އަދި އޮތީ އެކުގަ އެވެ. ރާއްޖެ ޑިމޮކްރަސީ މަގަށް ދަތުރުކުރި ފަހުން، ކޯލިޝަނަކާއެކު ވެރިކަމަށް އައިސް، އަހަރެއް ވަންދެންވެސް ކޯލިޝަން ދެމި އޮތް މަންޒަރު ފެނިފައެއް ނުވެ އެވެ.
ދެހާސް އަށް ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަމަށް އައިސްފައިވަނީ މުޅިންވެސް ކޯލިޝަންތަކާއެކު އެވެ. އެންމެ ފުރަތަމަ ކޯލިޝަނެއް ހެދިގެން އައީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށެވެ. "ވަތަން އެދޭ ގޮތަށް" ނަމުގައި ކޯލިޝަނެއް ހަދައިގެން ނުކުންނެވީ، ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމާއި ޑރ. މުހައްމަދު ޖަމީލާއި ޑރ. ހަސަން ސައީދާއި ޑރ. އަހުމަދު ޝަހީދާއި އުމަރު ނަސީރާއި އަދާލަތު ޕާޓީ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ، 26 ދުވަހުގެ ތެރޭގައި އެ ކޯލިޝަން ރޫޅިއްޖެ އެވެ. މައްސަލަ ބޮޑުވެ އެންމެ ފުރަތަމަ އެ ކޯލިޝަނުން ވަކިވީ ޖުމްހޫރީ ޕާޓީ އެވެ. އޭގެ ފަހުން އަދާލަތު ޕާޓީވެސް ކޯލިޝަނުން ވަކިވެ، އެއްކޮށް ކޯލިޝަން ރޫޅުނެވެ. ވަތަން އެދުނު ގޮތަށް ކޯލިޝަން ދެމިއެއް ނުއޮތެވެ.
އޭގެ ފަހުން އަނެއްކާވެސް ކޯލިޝަން ވެރިކަމެއް ފެނިގެން ދިޔައީ 2013 ވަނަ އަހަރު އެވެ. ނަމަވެސް މިފަހަރު ކޯލިޝަން ހެދިގެން ދިޔައީ ރައީސް ނަޝީދާ ދެކޮޅަށެވެ. އެފަހަރު ކޯލިޝަން ހެދީ ރައީސް މައުމޫނާއި ގާސިމްގެ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް، ކޯލިޝަން ހަދައިގެން ނުކުމެ، އެފަހަރުވެސް ކާމިޔާބު ކުރީ ކޯލިޝަނެވެ. އެމްޑީޕީއަށް ވީ ނާކާމިޔާބެވެ.
ކޯލިޝަން ވެރިކަމެއް ޖެހިޖެހިގެން ދެ އަހަރު ކާމިޔާބު ކުރިއިރު، ކޯލިޝަނުގެ ނަތީޖާވެސް ހަމަ ދިޔައީ އެއް މިސްރާބަކަށެވެ. 2008 ވަނަ އަހަރެކޭ އެއް ފަދައިން 2013 ވަނަ އަހަރުވެސް ވެރިކަމަށް އައި ކޯލިޝަން ރޫޅުނެވެ. ނަމަވެސް ކުރިން ފަހަރާ އަޅައި ބަލާއިރު، އެފަހަރު ކޯލިޝަންގެ މުއްދަތު ދިގެވެ. ނަމަވެސް އެންމެ ހަ މަސް ދުވަސް ނުވަނީސް އެ ކޯލިޝަން ވެސް ރޫޅިއްޖެ އެވެ. މިފަހަރުވެސް އެންމެ ފުރަތަމަ ކޯލިޝަނުން ވަކިވީ ޖުމްހޫރީ ޕާޓީ އެވެ.
އެފަހަރު ކޯލިޝަނުން ޖޭޕީން ވަކިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމުން، މައި ޕާޓީ ޕީޕީއެމާ ޖެހުނު މައްސަލައެއްގަ އެވެ. ކޯލިޝަނުން ޖޭޕީ ވަކިވީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ޖޭޕީ ވަކިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ކޯލިޝަންގެ އަނެއް ޕާޓްނަރު، އަދާލަތު ޕާޓީންވެސް ކޯލިޝަނާ ވަކިވެ، އެއްކޮށް ކޯލިޝަން ރޫޅިގެންދިޔަ އެވެ.
މި ދެ ފަހަރުވެސް ކޯލިޝަނެއް އުފެދިގެން އައިސްފައިވަނީ އިންތިހާބުގެ ދެ ވަނަ ބުރުގަ އެވެ. އެއިރު އެންމެ ގިނަ ވޯޓް ލިބުނު ކެންޑިޑޭޓުގެ ފަހަތަށް އެހެން ޕާޓީތަކުން އެރީ އެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގެ ކޯލިޝަން އުފެދިގެން އައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުންނެވެ. ރައީސް ސޯލިހްގެ ކޯލިޝަން ހާއްސަވާ އެއް ސަބަބަކީވެސް މި އެވެ. ވެރިކަން ބަދަލު ކުރަން ޖެހިއްޖެކަން ދަނެ، ކޯލިޝަން އުފެދިގެން ވެރިކަން ކާމިޔާބު ކުރީވެސް ރެކޯޑަކާއެކު އެވެ.
މިހާތަނަށް އުފެދުނު އެންމެ ހިޔާލު ތަފާތު އެއް ކޯލިޝަން ކޮނޑުމައްޗަށް "އަރުވައިގެން" ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްބަސްވުމަކާއެކު އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ހުރިހާ އިންތިހާބެއްގައިވެސް ވާދަ ކުރާނީ ކޯލިޝަންގެ ތެރެއިންނެވެ. ނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. އެއްބަސްވުމުގައި އެވާހަކަތައް ނެތް ކަމަށް ބުނެ، އެމްޑީޕީން މަޖިލިސް އިންތިހާބަށް ނުކުތީ ވަކިންނެވެ. އެއާއެކު ކޯލިޝަން ބޮޑު ކޯޅުމަކަށް ދިޔަ އެވެ. ދެންމެ ދެންމެ ކޯލިޝަން ރޫޅިގެންދާނެއޭ ހީވާ ހިސާބަށްދިޔަ އެވެ. އެމްޑީޕީ އާއި ކޯލިޝަންގެ އެހެން ޕާޓީތަކުގެ އިސްވެރިންގެ "ކޯޅުން" ބޮޑުވެ، ޕްރެޝަރު ބޮޑުވެ، ރައީސް ސޯލިހަށްވެސް އެންމެ ފަހުން ޖެހިވަޑަައިގަތީ ޕާޓީއަށްޓަކައި ކޯލިޝަނާ ދެކޮޅަށް ނުކުމެވަޑައިގަންނަވާށެވެ.
އެއާއެކު ޖުމްހޫރީ ޕާޓީން ކޯލިޝަނާ ވަކިވާން އުޅޭ ކަމުގެ އަޑުތައްވެސް އެރި އެވެ. އެދުވަސްވަރު ގާސިމް، އިދިކޮޅު މެންބަރުންނާ ބައްދަލުވެސް ކުރެއްވި އެވެ. ގާސިމް ވަނީ ޔާމީން މިނިވަން ކުރުމަށްވެސް ގޮވައިލައްވައިފަ އެވެ. އަދި އިދިކޮޅުގައި އޮތް ޕްރޮގްރެސިވް ކޯލިޝަނާއެކު އެއްބަސްވުމެއް ހެދުމާ ހިސާބަށްވެސް ދިޔަ އެވެ. ނަމަވެސް ގާސިމް ފަހުން ވަނީ ސަރުކާރު ކޯލިޝަނުން ވަކި ނުވާ ކަމަށް ވިދާޅުވެ، ކޯލިޝަން އަދިވެސް ނުރޫޅޭކަން ހާމަކޮށްދީފައެވެ.
އެއްބަސްވުމާ ހިލާފަސް ވަކިން މަޖިލިސް އިންތިހާބަށް އެމްޑީޕީން ނުކުމެ، ސުޕަ މެޖޯރިޓީއަކާއެކު ކާމިޔާބުކޮށް، ރެކޯޑެއް ގާއިމް ކުރިއިރު، ކޯލިޝަން އޮތީ ވަރަށް ބޮޑަށް "ގަޑުބަޑު"ވެފައެވެ. ރައީސް ސޯލިހް އެފަހަރުވެސް ކޯލިޝަނާއެކު އޮތްކަން ހާމަ ކުރައްވައި، ކޯލިޝަނުގެ "ގޮށް" އަނެއްކާވެސް ބާރުކޮށްލެއްވިއެވެ. ނަމަވެސް އެ އިންތިހާބަށްފަހު ކޯލިޝަން އޮތީ އެންމެ ވަރުގަދަކޮށް، ބަދަހި ކަމާއެކުގައޭ ބުނެވޭކަށް ނެތެވެ.
އޭގެ ފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި އެމްއާރްއެމްގެ ރައީސް މައުމޫނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވި، އެއް ގަލަކަށް ނޭރި އުޅޭ މަންޒަރުތައް ފެންނަން ފެށި އެވެ. އެމްޑީޕީ އާއި ޖޭޕީގެ މެންބަރުންގެ ކޯޅުން ވެސް ބޮޑުވެގެންދިޔައެވެ. އެއާއެކު ކޯލިޝަން ރޫޅައިލާނެހެން ހީވާ ހިސާބަށް އަނެއްކާވެސް މިސްރާބުޖެހި އެވެ.
ކޯލިޝަނުގައި ހިއްސާވާ ޕާޓީތަކަށް ސަރުކާރުން ހަމަހަމަ ފުރުސަތު ނުދޭކަމުގެ ޝަކުވާތައްވެސް އޭގެ ފަހުން ގިނަވި އެވެ. ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަކި ކުރެއްވުމަށްފަހު އެމްޑީޕީގެ މެންބަރަކު އެ މަގާމަށް އައްޔަން ކުރުން ވެގެންދިޔައީ ކޯލިޝަންގައި ރޯވެފައިވާ ހުޅުގަނޑަށް "ތެޔޮ" އެޅިގެންދިޔަ ކަމަކަށެވެ. އޭގެ ކުރީން އަދާލަތުގެ ސްލޮޓެއްގައި ހުންނެވި ޖެންޑާ މިނިސްޓަރު ޝިދާތާ މަގާމުން އިސްތިއުފާދެއްވުމުން އެ ސްލޮޓު އަނބުރާ އަދާލަތަށް ނުލިބުމާއި އެމްއާރްއެމްގެ ހައުސިން މިނިސްޓަރުގެ ސްލޮޓުގައި ހުންނެވި އާތިފާ ޝުކޫރު މަގާމުން އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ އުވައިލެއްވުމުން ވެސް ކޯލިޝަން ޕާޓްނަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިގެން ގޮސްފައި ވެއެވެ.
ނަމަވެސް އެހުރިހާ ކަމެއްވެސް އެއްފަރާތްކޮށް ބައިވެރިން އަދިވެސް ތިބީ ކޯލިޝަނާއެކު ކުރިއަށްދާށެވެ. ގާސިމްވެސް ދެއްވީ އެ ޔަގީން ކަމެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެންދިޔަ ނަމަވެސް ޖޭޕީ އޮތީ ސަރުކާރާއެކު ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ވީ އަހުދާ އެއްގޮތަށް ދެމި އޮންނާނެ ކަމުގެ ޔަގީން ދެއްވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން މިފަހަރު ވެސް މިތިބީ، މިފަހަރު ވެސް އަޅުގަނޑުމެންގެ ގައިގައި ޖަހާފައި އަޅުގަނޑުމެން ބޭރުކޮށްލާތޯ ބަލަން. އަދި އަޅުގަނޑުމެންނަށް، އެ އެއްބަސްވެވަޑައިގެންފައި އޮތް ގޮތަށް މުޅިން 100 ޕަސެންޓް އެއްގޮތަށް ވަޒީފާތަކާއި ކަންތައްތަކުގައި، އެއްބަސްވުމާ އެއްގޮތަށް 100 ޕަސެންޓް ދިޔަޔަސް ނުދިޔަޔަސް އަޅުގަނޑުމެން މިތިބީ ހަމަ ސަރުކާރުން ނުވަތަ އެމްޑީޕީން އަޅުގަނޑުމެން ކޯލިޝަނުން ވަކިކޮށްފައި އެއްލައިލާތޯ ބަލަހައްޓައިގެން. އަޅުގަނޑުމެން އަމިއްލައަކަށް ބޭރުވާކަށް ނެތިން. އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންވީ ވައުދާއި އަހުދުގައި ހިފަހައްޓައިގެން ދަމަހައްޓައިގެން ތިބެން" ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމްގެ އިތުރުން ރައީސް މައުމޫންވެސް ވަނީ ކޯލިޝަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް އޮތީ ކޯލިޝަނާއެކު ކަމަށާއި ރައީސް ސޯލިހާއެކު ކޯލިޝަނުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
ހިޔާލުގެ ގޮތުން ތަފާތު ބޮޑު ކޯލިޝަނަކާއެކު ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ރައީސް ސޯލިހް ހުންނެވީ ކޯލިޝަން ހަލާކުވެގެންދިޔަ ދޭ ގޮތަކަށް ނޫނެވެ. ރައީސް ސޯލިހަކީ ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށާއި ރައީސް ސޯލިހް ކަންކަން ނިންމަވަނީ މަޝްވަރާކުރައްވައިގެން ކަމަށްވާތީ، މި ކޯލިޝަން ދެމި އޮތުމުގެ ސިއްރަކީވެސް ރައީސް ސޯލިހް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެ މަގާމުގައި އެހެން ބޭފުޅަކު ހުންނެވި ނަމަ ނިމިދިޔަ ތަނުގައި ކަންކަން ހިނގި ގޮތަށް ބަލާއިރު މި ކޯލިޝަން ނޯންނާނެ ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.
ކޯލިޝަނެއް ގޮވައިގެން ކުރިއަށް ދިއުމަކީ ދަތި އުނދަގޫ ކަމެކެވެ. އެކަން ގިނަ ބަޔަކު އަބަދުވެސް ގަބޫލުކުރެ އެވެ. ހާއްސަކޮށް ތާރީހުންވެސް ފެނިފައިވަނީ އެމަންޒަރެވެ. ނަމަވެސް ރައީސް ސޯލިހްގެ އަޒުމް ވަރަށްވެސް ވަރުގަދަ އެވެ. ކޯލިޝަނަކާއެކު ކުރިއަށް ވަޑައިގެންނެވުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔާގީންކަން އާކޮށްދެއްވިއެވެ.
"ކޯލިޝަނެއް ގޮވައިގެން ކުރިއަށް ދިއުމަކީ ދަތި ކަމެއް ނޫން. އަޅުގަނޑަކީ ވަކި މީހަކު ބާކީ ކޮށްގެން މަސައްކަތްކުރާ މީހެއް ނޫން. ކަންކަން ކުރަނީ މަޝްވަރާގެ މަތީން.. ވެރިކަން ހިންގާ ކޯލީޝަން ދެމި އޮންނާނެ. ކޯލީޝަން ރޫޅިގެން ނުދާނެ، އެކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރު އުފެދިގެން އައިއިރު ނިންމާފައި ވަނީ މަހަކު އެއް ފަހަރު ހަތަރު ލީޑަރުން ބައްދަލުވެ މަޝްވަރާ ކުރުމަށެވެ. އެހެން ނަމަވެސް އެ މަޝްވަރާތައް ދެ ފަހަރަކު ބޭއްވި ނަމަވެސް އޭގެ ފަހުން މަޝްވަރާތައް ބާއްވާފައެއް ނުވެއެވެ. ހާއްސަކޮށް ކޮވިޑްގެ އަހަރަކަށް މި އަހަރު ވުމުން މަޝްވަރާތަކަށް ހުރަސް އެޅިފައި ވެއެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވާ ގޮތުން ހަތަރު ލީޑަރުން އެކީ ބައްދަލު ނުވި ނަމަވެސް ހުރިހާ ލީޑަރުންނާއި އެމަނިކުފާނާ ބަރާބަރަށް މަޝްވަރާ ކުރެވެ އެވެ. ބައެއް ފަަހަރު އިސްވެ އެމަނިކުފާނުވެސް ބައެއް ކަންތައްތަކުގައި މަޝްވަރާ ހޯއްދަވަމުން ގެންދަވަ އެވެ.
"އަޅުގަނޑުމެން ފަށައިގަތްއިރު ބައްދަލުވުންތައް ބާއްވަމުން ގެންދިޔައީ، އެންމެން އެއްތަނަކަށް އެއްވެ ދެ ބައްދަލުވުމެއް ބޭއްވީ، އެއަށްފަހު ބައެއް ލީޑަރުން ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހުމާއި އެކި މަސައްކަތްތަކުގައި ބުރަވެގެން ބައެއް މީޓިންތައް ފަސްކުރެވިފައި ހުންނާނެ، އެނގިވަޑައިގަންނަވާނެފަދައިން މިދުވަސްވަރަކީ އެއްވެސް މީހަކަށް އެކަކު އަނެކަކާ ފަސޭހައިން ބައްދަލުކޮށް އުޅެވޭ ދުވަސްވަރެއް ނޫން، އެހެންވީމާ މިހާރު އަޅުގަނޑު އެ މަސައްކަތްކުރަމުން މި ގެންދަނީ ލީޑަރުންނާ ވަކިވަކިން ފޯނުން ގުޅައިގެން ވާހަކަ ދައްކައިގެން، އަޅުގަނޑަށް ހުރިހާ ލީޑަރުންގެ ފަރާތުންވެސް މަޝްވަރާ އާއި އިރުޝާދު ލިބޭ، އެގޮތުން އެމްޑީޕީގެ ލީޑަރު ރައީސް ނަޝީދުއާ އެމްއާރްއެމްގެ ލީޑަރު ރައީސް މައުމޫން އަބުދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް، ޝައިހު އިމްރާން އަބްދުﷲ މަޝްވަރާ އަޅުގަނޑަށް ލިބޭ، ކަންތައްތަކުގައި އަދި އަޅުގަނޑުވެސް އިސްވެ ބައެއް ކަންތައްތަކުގައި މަޝްވަރާ ހޯދަމުން ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ، ޑިމޮކްރަސީގެ މަގަށް ދަތުރު ކުރި ފަހުން އެންމެ ގިނަ ދުވަސް ވަންދެން ކޯލިޝަނެއް ދެމި އޮތީ މި ސަރުކާރުގަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ރައީސް ސޯލިހްގެ ކުޅަދާނަ ކަމާއި ލީޑަރެއްގެ އެންމެ މުހިންމު އެއް ސިފަ ކަމަށްވާ، މަޝްވަރާއާއެކު ގައުމު ހިންގަމުންދާ ކަމުގެ ނަތީޖާ ކަމަށެވެ. ކޯލިޝަން އޮތީ އެންމެ ވަރުގަދަކޮށް ބަދަހިކޮށް ނޫން ނަމަވެސް ދެ އަހަރަކީ ވަރަށް ވެސް ދިގު މުއްދަތެކެވެ. ނަމަވެސް ދެން އޮތް އެންމެ ބޮޑު ސުވާލަކީ މި ކޯލިޝަން ފަސް އަހަރަށް ދެމި އޮންނާނެ ހެއްޔެވެ؟ ކޯލިޝަން ސަރުކާރެއްގެ ރެކޯޑް ހެދޭނެ ހެއްޔެވެ؟ ހަމަ ގައިމުވެސް ދެ އަހަރުވީ އިރު އަދި ރަނގަޅެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް