ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަޅުގަނޑާ ދެކޭގޮތް ސަރުކާރުން ދެކޭގޮތާ އެއްގޮތްވާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، "މަޖިލިސް މެންބަރުންނާއި، އަޅުގަނޑަށްވެސް ކަންކަން ފެންނަ ގޮތް ސަރުކާރަށް ފެންނަ ގޮތާ އެއްގޮތް ވުމަކީ، އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުވެސް ދެކޭ ގޮތެއް ނޫން، އަދި ރައްޔިތުންގެ މަޖިލިސް ވެސް ދެކޭ ގޮތެއް ނޫން، އަދި މި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ބަޔާންކުރާ ގޮތެއްވެސްނޫން،" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި މަޖިލިސް ރައީސްގެ އިތުރުން، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބަޖެޓަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވާޖިބަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުން ކަމަށެވެ. ހާއްސަކޮށް ބަޖެޓް ދިރާސާ ކުރުމާއި ބަޖެޓް ފާސްކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބަޖެޓުގެ ކުރިއަށް ދައުލަތުގެ ދަރަނީގެ ރިޕޯޓް އެކުލަވައިލުމާ ގުޅިގެން ވަރަށް ގިނަ ހަގީގަތްތައް ހާމަވެގެންދިޔަ ކަމަށެވެ. އޭގެން ސާފުވި، ނުކުތާތައް އަބަދުވެސް ހާމަކުރަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ދެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްގެ ގޮތުގައި އެ ޕާޓީއަކީވެސް ފަލްސަފާއެއް. އަދި ޕާޓީގެ ސިޔާސަތުތަކެއްވެސް އޮންނަ ޕާޓިއެއް، އަޅުގަނޑު ދައްކާ ވާހަކައެއްވެސް އަދި ކުރާކަމެއްވެސް ބަހައްޓާނީ އެ ސިޔާސާތުތަކާ ފަލްސަފާތަކާ އެއްހަމައިގައި،"
މަޖިލިސް ރައީސް ވިދާޅުވީ ސަރުކާރަށް އެންމެ ރަނގަޅު ގޮތާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމާ މެދު އެމަނިކުފާނު ވާހަކަފުޅު ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އެއްވެސް ކަމެއް ގޯސްކޮށް އެއްވެސް ތަނެއްގައި ހިނގަންޏާ އެވާހަކައެއް ބުނާނަން، ވަރަށް ސާފުކޮށް، އެވާހަކައެއް އަޅުގަނޑު ބުނާނަން، ދެން އެކަމާ ބޭފުޅުން ހިތްހަމަޖެހިވަޑައިގަތަސް އަދި ހިތްހަމަޖެހިވަޑައި ނުގަތަސް އަޅުގަނޑު އެކަމަކާ ކުރާނެކަމެއް ނެތް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް