މާމަގެ ގަހަނާތައް ވިއްކާލައިގެންވެސް ގައުމުގެ ދަރަނި އަދާ ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށްދާ 2021 ގެ ބަޖެޓުގެ ބަހުސާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އަންނަ އަހަރު ރާއްޖޭގެ ބަޖެޓުގެ 53 އިންސައްތަ ހޭދަވާނީ ދަރަނި އަދާ ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން 80 އިންސައްތަ ދަރަންޏަކީ އަނބުރާ ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏަށް ނިސްބަތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ މާމަގެ ގަހަނާތައް ވިއްކާލައިގެންވެސް މި ދަރަނި އަދާ ނުކުރެވޭނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.