އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ޖަހާފައި ހުރި ކަންކަމަށް ބޭނުންވާ ފައިސާ ހޯދައިގެން އެކަންކަން ކުރެވިދާނެކަމަށް ރާއްޖޭގެ މީހުން ގަބޫލު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާ ބަޖެޓު ބަހުސްގައި ބައެއް މެންބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެންނެވެ.

މަޖިލިސް ރައީސް ވިދާލުވީ، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކޮށްފި ނަމަ ބައިނަލްއަގްވާމީ މާލީއިދާރާތަކުގެ އިތުބާރު ރާއްޖެއަށް ގެއްލޭނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާ އެވެ.