ކޯލިޝަނެއް ގޮވައިގެން ކުރިއަށް ދިއުމަކީ އެމަނިކުފާނަށް އުނދަގޫފުޅު ކަމެއްނޫން ކަމަށާއި އެކި ކަންކަމުގައި ކޯލިޝަންގައި ތިއްބަވާ ހަތަރު ލީޑަރުންގެ ހިޔާލުފުޅާއި މަޝްވަރާ ލިބިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ މިއަދުުގެ ފަށާއިރު ޕްރޮގްރާމްގައި، ކޯލިޝަނެއް ގޮވައިގެން ވެރިކަން ކުރުމަކީ ސިޔާސީ ގޮތުން ދިމާވާނެ އެންމެ އުނދަގޫކަންތައް ކަަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށް ބުނެ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަކީ ވަރަށް ގިނަ މީހުންނާއި މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެއް ކަމަށާއި، އޭގެ ތެރޭގައި ވާދަވެރި ފަރާތްތައްވެސް ހިމެނޭ ކަމަށެވެ.
ވޭތުވެ ދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތައް ކުރެއްވީވެސް އެގޮތަށް ކަމަށާއި އެހެންކަމުން އެމަނިކުފާނާއި މައްސަލައެއް އޮތް ބޭފުޅަކު ސިޔާސީ ދާއިރާގައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ކޯލިޝަނެއް ގޮވައިގެން ކުރިއަށް ވަޑައިގަތުމަކީ ދަތިފުޅު ކަމެއް ނޫން ކަމަށާއި، އެމަނިކުފާނަކީ ވަކި މީހަކު ބާކީ ކޮށްގެން މަސައްކަތްކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ހުރިހާ ކަމެއްވެސް ކުރައްވަނީ މަޝްވަރާގެ މަތީން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވެރިކަން ހިންގާ ކޯލީޝަން ދެމި އޮންނާނެ ކަމަށާއި، ކޮލީޝަން ރޫޅިގެން ނުދާނެ ކަމަށެވެ.
ކަންކަމުގައި ކޯލީޝަންގައި ހިމެނިވަޑައިގަންނަވާ ހުރިހާ ލީޑަރުންގެ މަޝްވަރާ އާއި އިރުޝާދު ލިބިވަޑައިގަންނަވާ ކަމަށާއި، ލީަރުންނާ ގުޅުއްވައި ކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަށައިގަތްއިރު ބައްދަވުންތައް ބާއްވަމުން ގެންދިޔައީ، އެންމެން އެއްތަނަކަށް އެއްވެ ދެ ބައްދަލުވުމެއް ބޭއްވީ، އެއަށްފަހު ބައެއް ލީޑަރުން ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހުމާއި އެކި މަސައްކަތްތަކުގައި ބުރަވެގެން ބައެއް މީޓިންތައް ފަސްކުރެވިފައި ހުންނާނެ، އެނގިވަޑައިގަންނަވާނެ ފަދައިން މިދުވަސްވަރަކީ އެއްވެސް މީހަކަށް އެކަކު އަނެކަކާ ފަސޭހައިން ބައްދަލުކޮށް އުޅެވޭ ދުވަސްވަރެއް ނޫން، އެހެންވީމާ މިހާރު އަޅުގަނޑު އެ މަސައްކަތްކުރަމުން މި ގެންދަނީ ލީޑަރުންނާ ވަކިވަކިން ފޯނުން ގުޅައިގެން ވާހަކަ ދައްކައިގެން، އަޅުގަނޑަށް ހުރިހާ ލީޑަރުންގެ ފަރާތުންވެސް މަޝްވަރާ އާއި އިރުޝާދު ލިބޭ، އެގޮތުން އެމްޑީޕީގެ ލީޑަރު ރައީސް ނަޝީދުއާ އެމްއާރްއެމްގެ ލީޑަރު ރައީސް މައުމޫން އަބުދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް، ޝައިހު އިމްރާން އަބްދުﷲ މަޝްވަރާ އަޅުގަނޑަށް ލިބޭ، ކަންތައްތަކުގައި އަދި އަޅުގަނޑުވެސް އިސްވެ ބައެއް ކަންތައްތަކުގައި މަޝްވަރާ ހޯދަމުން ގެންދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު