ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު، އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައިވާ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އާޒިމާގެ ވަކީލުންގެ ޓީމުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
އާޒިމާގެ ވަކީލުންގެ ޓީމުގެ ފަރާތުން، މަރިޔަމް ނިހާޔަތާއި އާއިޝަތު ފަޒްނާ އަހުމަދާއި އަލީ ސައީދު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ދެ މައްސަލައިން ފަނޑިޔާރު ތަނާޒުލްވެވަޑައިގެންފައި ވަނީ މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލް ވުމަށް އޮންނަ ގާނޫނީ ޖާގައިން ބޭރުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ތަނާޒުލްވެވަޑައިގަތުން ކްރިމިނަލް ކޯޓުން ބަލައިގެންފައިވަނީވެސް ގާނޫނީ އުސޫލުން ބޭރުން ކަމަށް ގަބޫލުުރައްވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަން ކުރެވިފައިވާ ގޮތުން ފަނޑިޔާރުންނަކީ އެބޭފުޅުން ބައްލަވާ މައްސަލަތައް pick and choose (އަމިއްލައަށް އިހުތިޔާރު ކުރުމުގެ ބާރު) ލިބިދީފައިވާ ބައެއް ނޫނެވެ. މީގެ އިތުރުން އެބޭފުޅުން ބައްލަވާ މައްސަލަތަކުން ވަކި ހަމަތަކަކުން މެނުވީ ތަނާޒުލްވެވަޑައިގެން މައްސަލަ ދޫކޮށްލައި އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގެ ބާރު ލިބިފައިވާ ބައެއްވެސް ނޫނެވެ. އެކަމުގެ ބޭނުމަކީ މައްސަލަތަކުގައި ހިމެނޭ ޚަސްމުންގެ ހައްގުތައް ހިމާޔަތްކޮށް މިނިވަންކަމާއި ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިޔަށް ގެންދިއުން ޔަގީންކުރުމާއި އަދި ފަނޑިޔާރުންގެ މަސައްކަތް ކުރައްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން ޔަގީން ކުރުމެވެ." އާޒިމާގެ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމީ މި ދެމައްސަލަ ބައްލަވާތާ އަހަރެއްހައި ދުވަސްވެ، އެތައް އަޑުއެހުމެއް ބާއްވާފައިވަނިކޮށް، އަދި މައްސަލައިގެ ޝަރީއަތުގެ ކުރީން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމައި މައްސަލަ ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ބޯމަތިވެފައި ވަނިކޮށް މައްސަލައިގެ ފަނޑިޔާރު ގާނޫނީ އުސޫލުން ބޭރުން މައްސަލައިން ތަނާޒުލުވުމުން އަދި ގާނޫނީ އުސޫލުން ބޭރުން އެކަން ގަބޫލުކުރައްވައި އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކުރެއްވުމުން މި މައްސަލައިގައި އެހެން ނުފޫޒެއް ފޯރާފައިވާކަމާއި އަދި މިނިވަންކަން ގެއްލިފައިވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރަން ޖެހޭތީ އެވެ.
"އަދި މި ކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީން އަޅުގަނޑުމެންގެ މުވައްކިލަށް ޔަގީންކޮށްދީފައިވާ މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި ޝަރީއަތް ކުރެވުނު ހައްގު ގެއްލިގެން ދާތީ އެވެ." އާޒިމާގެ ވަކީލުންގެ ބަޔާނުގައި ވެއެވެ.
އާޒިމާ ޝުކޫރު
އާޒިމާ ޝުކޫރު
އާޒިމާ ޝުކޫރު