އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން މެޑަމް ސާޖިދާ މުހައްމަދު ނިންމަވައިފިއެވެ.

މެޑަމް ސާޖިދާ އެގޮތަށް ނިންމެވިކަން ހާމަކުރެއްވީ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައި އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސްގެ އާއިލާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އާޒިމާ ޝަކޫރެވެ.

އާޒިމާ ވިދާޅުވީ، މި ވިހާތަނަށް ދިޔައިރު، ސަރުކާރުން ކުރާ ކަމެއްގެ ގޮތުން ނަމަވެސް، އެ ބޭފުޅުންނާ ދޭތެރޭ ސިޔާސީގޮތުން ކުރައްވާފައިވާ އެއްވެސް ކަމެއްގެ ގޮތުން ނުވަތަ ދައްކާފައިވާ ވާހަކައަށް ނުވަތަ ޖަހާފައިވާ ހަޖުލަކަށް އަދި ކޮށްފައިވާ މަަަސައްކަތަކާ ދޭތެރޭ އެއްވެއް ފިޔަވަޅެއް އެއްވެސް ފަރާތަކާމެދު އަޅުއްވާފައިނުވާނެކަމަށް މެޑަމް ސާޖިދާ ވިދާޅުވެފައިވާ ކަމަށެވެ.

ނަަވެސް އެ ފަރާތްތަކާމެދު ދައުވާކުރައްވަން ނިންމަވައި، އެޅުއްވި މި ފިޔަވަޅަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މި މައްސަަލައަކީ ޖިނާއީ މައްސަލަތަކެއް ހިމެނޭ ކަމެއް ނަމަވެސް މެޑަމް ސާޖިދާ ނިންމަވާފައިވަނީ، ޖިނާއީ މައްސަަލަތަކުގެ ބަދަލުގައި މަދަނީ މައްސަލަތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.

"މިހާ ހިސާބަށް މިކަން ދިޔައިރު އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އޮތް ކަމަކީ ހަގީގަތުގައި މިއީ ރައީސް މުއިއްޒުގެ އާއިލާގެ ބޭފުޅުންނަށް، ތުއްޕުޅު ބޭފުޅުންނަށް، އެ ކުދިންގެ ހަށި ނުވަތަ ފުރާނަ ނުރައްކަލަށް ގެންދާވަރުގެ ކަންކަން ހިނގައިގެން ހިނގައްޖެކަން، އެއާއެކު މިއީ ޖިނާއީ މައްސަލަތަކެއްކަންވެސް ފާހަގަކުރަން އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުން، ކުދިންގެ މަންމަގެ ހައިސިއްޔަތުން މެޑަަމް ސާޖިދާ ނިންމާފައިވަނީ، ޖިނާއި މައްސަލަތަކެއްގެ ދައުވާ ކުރިއަށް ގެންދަވާކަށް ނޫން، އެ ކަންތައްތައް އެއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރިއަށް ގެންދަވައިފި ކަމަށްވަންޏާ، އެ ބޭފުޅުންނާ މަސައްކަތް ހަވާލު ކުރައްވާފައި، މަދަނީ މައްސަލަތަކުގެ މަދަނީ ބައިތައް ކުރިއަށް ގެންދަން،" އާޒިމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަމާއި އަބުރުގެ ރައްކާތެރިކަމުގެ އިތުރުން ހަށިގަނޑާއި ނަފްސުގެ ރައްކާތެރިކަމަކީ ގާނޫނުއަސާސީން ކުދިންނަށް ލިބިގެންވާ ހައްގުތަކެއް ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނުން ކުޑަކުދިންނަކީ ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށާއި ބައިނަލްއަގުވާމީ މުއާހަދާ ކޮންވެންޝަން އޮފްދަ ރައިޓްސް އޮފް ޗައިލްޑްސްގެ ދަށުންވެސް ހިމާޔަތްކޮށްފައިވާ ހައްގުތައް ނިގުޅައިގަނެ، އެ ކުދިންގެ އުސްތަގުބަލަށާއި ރައްކާތެރިކަަމަށް ގެއްލުންވާ ހިސާބަށް ކަންތައް ދިއުމުން މެޑަމް ސާޖިދާ ފިޔަވަޅު އަޅުއްވަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މި މައްސަލައިގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ މަންދީ އެ ވާހަކަތައް ދެއްކީ އެމްޑީޕީން ބޭއްވި ރެލީއެއްގައި ކަމަށްވާތީ، އެކަމުގެ އެ ފަރާތުގެ ގާނޫނީ ޒިންމާއެއް އޮންނާނެ ކަމަށް ދެކިގެން ކަމަށެވެ. އަދި މަންދީ ދެއްކި ވާހަކައިގެ މައްޗަށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ފައްޔާޒަށް ދައުވާކުރަން ނިންމާފައިވަނީ، އެ މައްސައާ ގުޅިގެން ކުރެއްވި ޓްވީޓެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.