ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލައާ ގުޅުވައިގެން، މައުލޫމާތު އޮޅޭގޮތަށް ވާހަކަތައް ފަތުރާތީ، މެޑަމް ސާޖިދާގެ ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް، "ރެހެންދި ޗެމްބާސް" އިން މިއަދު ނެރުނު ބަޔާނެއްގައި އެހެން ބުނެފައި މިވަނީ، އެމްޑީޕީގެ އިސް އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއް ހިމެނޭ ގޮތަށް ހަށިގަނޑުގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކުރުމުން އެކަމާ ގުޅޭގޮތުން ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.
ރެހެންދި ޗެމްބާސްގެ ބަޔާނުގައި ބުނީ އެމްޑީޕީގެ އެކްޓިވިސްޓް މަންދީގެ ޖިނާއީ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދަނީ މެޑަމް ސާޖިދާގެ ހުށަހެޅުއްވި މައްސަލަތަކުގެ ސަބަބުން ކަމަށްބުނެ އޮޅޭގޮތަށް ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރައިގައި ދެއްކި ވާހަކަތަކާ ގުޅިގެން މެޑަމް ސާޖިދާގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ސިވިލް މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓު އަދި ފެމިލީ ކޯޓަށް ކަމަށާއި ފުލުހުން ތަހުގީގުކުރަން ޖެހޭ ފަދަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ނޫން ކަމަށް ރެހެންދި ޗެމްބާސް އިން ބުންޏެވެ.
ރެހެންދި ޗެމްބާސް އިން ބުނީ މެޑަމް ސާޖިދާއާ ގުޅުވައި ކްރިމިނަލް ކޯޓު ނުވަތަ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމުގައި އާންމުންނަށް އޮޅޭގޮތަށް ވާހަކަދައްކަމުންދާ ކަމަށެވެ. އަދި މެޑަމް ސާޖިދާގެ ފަރާތުން ހުށަހަޅާފައިވާނީ ސިޔާސީ ފަރާތްތަކުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ދައްކާ ވާހަކަތަކާ ގުޅިގެން ކުޑަކުއްޖެއްގެ ހައްގާއި އަބުރު ރައްކާތެރިކުރުމުގެ މަގުސަދުގައި ކަމަށް އެ ޗެމްބާސް އިން ބުންޏެވެ.
އެހެން މީހުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް ދޮގު ވާހަކަތައް ފެތުރުމުގެ ބަދަލުގައި މައުލޫމާތުގެ ސައްހަކަން ބެލުމަށްފަހު މައުލޫމާތު ފެތުރުމަށް ގޮވާލާ ކަމަށް ވެސް ރެހެންދި ޗެމްބާސް އިން ބުންޏެވެ.
މަންދީ އާއި މާޒް ސަލީމްގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއް ހިމެނޭ ގޮތަށް ހަށިގަނޑުގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކުރީ، ރައީސް މުއިއްޒުގެ ދަރިކަލެއްގެ ކަރަމާތަށް އުނިކަން އަންނަ ގޮތަށް އެ ދެ މީހުން ވާހަކަދެއްކި ކަމަށް ބުނާ މައްސަލައިގައި ފުލުހުން މިހާރު ހިންގަމުންގެންދާ ތަހުގީގާ ގުޅިގެންނެވެ.
އެ މައްސަލައިގައި ފުލުހުން އެ ދެ މީހުންނަށް، ފުުލުހުންގެ އިންސްޕެކްޓާ ޝަނާޒު އަހްމަދު ސޮއިކުރައްވައި މިދިޔަ ހަފުތާގައި ފޮނުއްވި ޗިޓްގައި ވަނީ، އެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސާޖެންޓް އާދަމް ހަލީމް، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުންގެ، ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް، ހާޒިރުވުމަށް އަންގާކަމަށް ޗިޓްގައިވެއެވެ. އެ މީހުން ހާޒިރުވުމަށް އަންގާފައިވަނީ އިއްޔެއެވެ.
ނަމަވެސް ފަހުން އެ ޗިޓް ކެންސަލްކޮށް، އެ މައްސަލައިގައި ހާޒިރުވުމަށް އަންގާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު