ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި، މ. އާސްތާނާ، އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަގާމަށް މިއަދު އާޒިމާ އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އާޒިމާއަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. އެގޮތުން، އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. މީގެ އިތުރުން، ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައިވެސް އާޒިމާ ހިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގެ މަގާމުތަކުގެ އިތުރުން، އާޒިމާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ރައީސް އައްޔަންކުރެއްވި މެންބަރެއްގެ ހައިސިއްޔަތުންވެސް މަސައްކަތްކުރައްވައިފައެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި އާޒިމާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯސް (އޮނާސް) އަދި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާއިން މާސްޓާ އޮފް ލޯސް ފުރިހަމަކުރައްވައިފައެވެ. ގާނޫނީ ފަންނުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ އިރު، އާޒިމާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އިހުތިރާމު ލިބިގެންވާ ގާނޫނީ ވަކީލެކެވެ. މި މުއްދަތުގެ ތެރޭގައި ވެރިކަން ހިންގުމުގެ ނިޒާމާއި، ގާނޫނުއަސާސީ އަދި ގާނޫނު އިސްލާހުކުރުމާއި ގާނޫނީ ދިރާސާކުރުމުގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވައިފައެވެ. ހާއްސަކޮށް 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި އިސްލާހީ އެޖެންޑާ ފަރުމާކޮށް ތަންފީޒުކުރުމުގައި އާޒިމާ އަދާކުރެއްވި އިސް ދައުރު ފާހަގަކުރެވެއެވެ.

ރަސްމީ މަސައްކަތްތަކުގެ ބޭރުން، އާޒިމާއަކީ އިޖުތިމާއީ ދާއިރާގައިވެސް ހަރަކާތްތެރި ބޭކަނބަލެކެވެ. އެގޮތުން، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ "ހޯޕް ފޯ ވިމެން" އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ "ފާލަން" އުފެއްދުމުގައި އެކަމަނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، އަމިއްލަ ގާނޫނީ ފަންނުގެ ހިދުމަތުގެ ތެރެއިން، ޖިންސީ އަނިޔާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭސާބަހަށް ގާނޫނީ ލަފާދެއްވުމުގެ މަސައްކަތްވެސް އާޒިމާ ގެންދަވަނީ ކުރައްވަމުންނެވެ.