ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލާގައި އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކުރައްވައި، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުވާތީއެވެ.

ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ދައުވާތައް މުރާޖައާކޮށްދިނުމަށް އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އާޒިމާގެ ފަރާތުން ދައުވާ މުރާޖާއާކޮށްދިނުމަށް އެދި ހުށަހެޅި ކަންކަމަށް ބަލާއިރު އާޒިމާގެ މައްޗަށް ތުހުމަތުކުރާ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އެހެންވެ އާޒިމާގެ މައްޗަށް ކުރާ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލަ ކުރިއަށް ނުގެންދަން ނިންމިއިރު މި މައްސަލައިގައި ދައުލަތުންނާއި އާޒިމާގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ޝަރީއަތަށް ހުށަހަޅައި، އެކަމާ ގުޅޭގޮތުން ޝަރީއަތުގެ އަޑުއެހުމެއްގައި ވާހަކަވެސް ދައްކަވައިފައެވެ. އެއީ 2022 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމެކެވެ.