ކްރެޑިޓް ރޭޓިން ކުންފުނި ކަމަށްވާ، "ފިޗް" އިން ކްރެޑިޓް ރޭޓު ކުރާނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، އަލީ އާޒިމް، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ރައްދު ދެއްވައިފިއެވެ.
މިހެން ވިދާޅުވެ އަލީ އާޒިމް ޝަރީފަށް ރައްދު ދެއްވީ، ފިޗުން ރާއްޖޭގެ ދަރަނީގެ ރޭޓިން "ސީސީސީ" ރޭޓިން އަށް ދަށްކުރީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސަރުކާރުގެ ދަރަންޏާ ގުޅޭ ރިޕޯޓުގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމާ ގުޅިގެން ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސަރުކާރުގެ ދަރަނީގެ ރިޕޯޓާ ގުޅިގެން އައި ކަމެއް ކަމަށާއި، އެ ރިޕޯޓު އެގޮތަށް ފާސް ނުކުރުމަށް އޭރުވެސް ދެންނެވި ކަމަށެވެ.
"އެންމެ ފަހުން މަޖިލީހުން ފާސްކުރި ގަރާރުގެ ނަތީޖާ ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީއަށް ބަދަލު އެކުރީ، އެދުވަހުވެސް ތަކުރާރުކޮށް އަޅުގަނޑު ދެންނެވިން ހެޔޮނުވާނޭ، ތިޔަ ގަރާރު ތިގޮތަށް ފާސްކުރަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއަށް މި ދަތި ދަނޑިވަޅުގައި ރައްޔިތުގެ މަޖިލީހުން ފާސްކުރާ ބައެއް ޒާތުގެ ގަރާރު ފާސް ކުރުމުގައި ވަރަށް ވިސްނުންތެރިކަމާއެކު ގައުމުގެ މަސްލަހަތު އިސް ނުކޮށްފިނަމަ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަމުންދިއުން ވަރަށް ގާތް ކަމަށެވެ.
އެކަމާ ގުޅިގެން ޝަރީފަށް ރައްދު ދެއްވައި އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިޗް އިން ރޭޓު ކުރާނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން، ކަމަށާއި، "އެމީހުން އެއީ އެ ގައުމެއްގެ ހިސާބު ބަލައިފަ ކުރާކަމެއް،" ކަމަށެވެ.
ރާއްޖޭގެ ދަރަންޏާ ބެހޭގޮތުން ސަރުކާރަށް ރެކޮމަންޑޭޝަންތަކެއް ހުށަހަޅައި މަޖިލީހުން ރިޕޯޓް ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސް ނަންގަވައިގެންނެވެ.
"ފިޗް" އިިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ، އެ ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު ރާއްޖެއިން އަހަން ޖެހޭ ކަމަށާއި، ނަމަވެސް ގައުމު ދަރަނިވެރި ނުވާނެ ކަމަށެވެ. ހާއްސަކޮށް ޗައިނާ ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް، ފާހަގަ ކުރައްވައި ޓޫރިޒަމް ކުރިއަރައި ދިއުމާއި ދަތުރުފަތުރު ކުރުން ގިނަވަމުން އަންނާތީ، އުއްމީދު އެބައޮތް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް