ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަކޮށް، މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާގޮތް ބަދަލުކުރަން، ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންގޮސްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސް ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިއުން އިއްވައިފައެވެ.

މި ބިލްގެ ފުރަތަމަ ކިއުން އިއްވީ 19 މާޗްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ބިލް އިއްޔެ އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

އަލީ އާޒިމްގެ ބިލުގައި ވަނީ ގާނޫނު އަސާސީގައި ރައްޔިތުގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވާ 71 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށާއި މެންބަރުން އިންތިހާބު ކުރުމާބެހޭ 72 ވަނަ މާއްދާގެ (ނ)ގެ ފަހަތަށް (ރ) އަދި (ބ) ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ.

  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް 1 މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 12،000 މީހުންނާއި 18،000 މީހުންނަށް 2 މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް 3 މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 24،000 މީހުންނާއި 36،000 މީހުންނަށް 4 މެންބަރުން
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 36،000 މީހުންނަށް ވުރެ ގިނަ ނަމަ 5 މެންބަރުން

މި ބަދަލު ގެންނަން ހުށަހަޅާފައި ވަނީ، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމަށްފަހު، މިހާރު އިންތިހާބު ކޮށްފައި އޮތް، 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާފައި މިހާރު އޮންނަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންނެވެ. އާބާދީ 5،000 އަށްވުރެ އިތުރުވާ އިދާރީ ދާއިރާއެއްނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ.

ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް ގެންނަން މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަ ކުރަންވާނެ ކަމަށެވެ. އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި އެކަން ތަފުސީލުކޮށް ބަޔާން ކުރަންވާނެ ކަމަށްވެސް ޑިމޮކްރެޓްސް ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ފޮނުއްވި މި ބިލުގައި ވަނީ ހިމަނައިފައެވެ.