އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެކިއެކި މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅައިފައިވާ ފަރާތްތަކަށް އަޅައިފައިވާ ފިޔަވަޅުތައް އެ ޕާޓީން އުވާލައިފިއެވެ.
އެމްޑީޕީން އެގޮތަށް ނިންމައިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގެ ބައްދަލުވުމުގައެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހަޅާފައިވަނީ އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން އެވެ. އެ ހުށަހެޅުމުގައި އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީއަކީ މިހާރު އިދިކޮޅު ޕާޓީއަށް ވުމުން ވީހާވެސް ގިނަ ބަޔަކަށް ޕާޓީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުއިއްޒެވެ. އެ ހުށަހެޅުން ގައުމީ މަޖިލީހުން ފާސްވެފައިވަނީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ތާއީދާއެކުއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ ގައުމީ މަޖިލީހުގެ އެ ނިންމުމަކީ ވަކި ބަޔަކަށް އަޅައިފައިވާ ފިޔަވަޅުތައް އުވާލުވުމުގެ ގޮތުން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އިބުރޭ ވިދާޅުވީ އެކިއެކި އިންތިހާބުތަކާ ގުޅިގެންނާއި އެހެނިހެން މައްސަލަތަކުގައި ވަރަށް ގިނަ ފަރާތްތަކަށް ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.
"އެމްޑީޕީއަކީ އިދިކޮޅު ޕާޓީއަށްވީމަ ގައުމީ މަޖިލީހުން ފާސްކުރީ ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުގެ ފިޔަވަޅުތައް އުވާލައި، ޕާޓީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް" އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް އެމްޑީޕީން ވަނީ އެކި މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅައިފައެވެ.
"ވަކި ބަޔަކަށް ހާއްސަ ކޮށްގެންނެއް ނޫން ފިޔަވަޅުތައް އުވާލީ. އޭގައި ނެތެއްނޫންތޯ ވަކި ބައެއްގެ ނަމެއް" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުނު ފަރާތްތަކުން ޕާޓީއާ ގުޅިވަޑައިގަތުމަށް އެދި ހުށަހަޅައިފައިވާ ފޯމެއް އަދި ލިބިފައި ނުވާ ކަމަށެވެ.
އެމްޑީޕީން ފިޔަވަޅު އަޅައިފައިވާ މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނެއެވެ. އާޒިމްއަކީ ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމްޑީޕީން، އާޒިމަށް ފިޔަވަޅު އަޅައިފައިވަނީ 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރު އޮއްވައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެއިރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާއެކު ސޮއިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި، ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ ބައިވެރިވުމުގެ ސަބަބުންނެވެ. އެ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ބެލުމަށްފަހު ނިންމީ އާޒިމް އެއް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީން ވަކިކޮށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށާއި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރި ނުވެވޭގޮތަށް ހެދުމަށެވެ.
އާޒިމަށް އޭގެ ކުރިން ވަނީ ޕާޓީގެ ވިޕްލައިނާ ހިލާފު ވުމުގެ ސަބަބުން ނަސޭހަތް ވެސް ދީފައެވެ. އާޒިމް މިހާރު ވަނީ ދަ ޑިމޮކްރެޓްސްއިން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމައިފައެވެ.
އެމްޑީޕީން ކުރީން ފިޔަވަޅު އެޅި މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވެސް ހިމެނެއެވެ. ރީކޯ މޫސާއަށް ފިޔަވަޅު އަޅައި އޭނާ 2014 ވަނަ އަހަރު އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއްގަ އެވެ. ނަމަވެސް 2023 ވަނަ އަހަރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އަލުން ޕާޓީއާ ރީކޯ ގުޅިވަޑައިގަތް ނަމަވެސް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުމަށް ބަދަލެއް ގެނެސްފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު