މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓު ހޯދުމަށް މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ ކެމްޕޭނުގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންފިއެވެ.

އެގޮތުން އާޒިމްގެ ފަރާތުން އެ ޕާޓީގެ މެންބަރުންނަށް މިއަދު ހަވީރު ބޭއްވި ސައިގައި ފައްޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާޒިމްގެ ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ މިމަހު 20 ގައެވެ. "ގަދަކޮށް" ނަމުގައި އެ ކެމްޕޭން ފެށީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އަލީ އާޒިމަށް ތާއިދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއުލާނުކުރައްވައިފައެވެ.

އަލީ އާޒިމް ވަނީ މަޖިލީހުގެ މިދިޔަ ތިން ދައުރުގެ މަޖިލިސް މެންބަރުކަމާއި އެމްޑީޕީގެ ބައެއް މަގާމުތައް ފުރުއްވައިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އަލީ އާޒިމް ހުންނެވީ ނަޝީދު ފެކްޝަންގައެވެ. "ދަ ޑިމޮކްރެޓްސް" ނަމުގައި ނަޝީދު އާ ސިޔާސީ ޕާޓީއެއް ހެދުމަށް ނިންމި އިރު، އޭރު އެކަމުގައި އިސްކޮށް އާޒިމް ހަރަކާތްތެރިވެފައިވާތީ އަދި އެ ނިންމުން ނިންމުމުގެ ކުރިން ޕާޓީގެ ވިޕްލައިނާ ހިލާފުވެގެން އާޒިމް ވަނީ އެމްޑިީޕީން ވަކިކޮށްފައެވެ. އަލުން އެނބުރި އާޒިމް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ދެން ވާދަކުރައްވަނީ މިހާރުވެސް މާލޭގެ މޭޔަރުކުރަން ކުރައްވަމުން ގެންދަވާ އާދަމް އާޒިމެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅެވެ.