މިނިސްޓަރު އިމްރާން އަބްދުﷲ

އިންޓަނެޓް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވުމަށް ގާނޫނެއް އެކުލަވައިލަނީ

އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވުމަށް ސަރުކާރުން އެކަމަށް ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ ހައްގުތައް ހިމާޔަތްކޮށް، ހުރިހާ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށާއި ނޫސްވެރިންނަށް އޮންލައިން ޕްލެޓްފޯމްތަކާއި އެހެން ގޮތްގޮތުންދޭ ތަފާތު އިންޒާރުތަކަށްވެސް ފުލުހުން ފާރަވެރިވާ ކަމަށް ވިދާޅުވިއެވެ.

"އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވުމުގައި އެކަމަށް ހާއްސަ ގާނޫނެއް ނެތުމުގެ ސަބަބުން ހުރި ގޮންޖެހުންތައް ނައްތައިލުމަށް ސަރުކާރުން ގެންދަނީ އެކަމަށް ގާނޫނެއް އެކުލަވާލައި، އެހެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި ގާނޫނުތައް ތަންފީޒުކުރެވޭ މިންވަރު އިތުރުވެގެން ދިއުމަކީ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ އެންމެ މުހިއްމު ބިންގާ ކަމަށެވެ.

ނުފޫޒެއް ނެތި މީޑިއާތައް މަސައްކަތްކުރުމަށް ޖާގަ ދިނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައި ސަރުކާރުން ގަބޫލުކުރާ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، ހަމަހަމަ ފުރުސަތުތައް ރާއްޖޭގައި ފަހިކޮށްދީފައިވާ ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތަކުގެ އޮޑިޓެއް ކޮށް، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަން ހުރި ކަންކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ކަރެކްޝަން އޮފިސަރުން ޖަވާބުދާރީ ކުރުވުމާއެކު އޮފިސަރުންގެ ސުލޫކީ މިންގަނޑު ހިފަހެއްޓުމުގެ އުސޫލް ގާއިމްކުރެވި، އޮފިސަރުންގެ ފަރާތުން އަނިޔާވެރި އަމަލެއް ހިނގައިފިނަމަ ހިއުމަންރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ރެފަރަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު ޖަލުތަކާއި މީހުން ބަންދުކޮށްގެން ބައިތިއްބާ ތަންތަނުގައި ތިބޭ ހުރިހާ އޮފިސަރުންނަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި އޮފިސަރުންނަށް ވެގެންދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ފުރި، ޖާގައަށްވުރެ ގައިދީން އިތުރުވުން ކަމަށާއި މިމައްސަލަ ދިމާވުމުގެ އަސްލަކީ އެކަށީގެންވާ މިންވަރަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވުން ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިންނާއި މުޖުތަމައުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ފަހިކޮށްދީގެންނާއި ވޮކޭޝަނަލް ޕްރޮގްރާމްތަކުގެ ތެރެއިން ކުށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުން ކަމަށް ވިދާޅުވިއެވެ.