ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި، ހިނގާފައިވާ ގޯސްތަކަށް އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން ދައުވާ ނުކުރެއްވީ ކީއްވެތޯ ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ހާޒިރު ކޮށްގެން މިއަދު ކުރިއަށްގެންދިޔަ އެ ކޮމިޓީގެ ބައްްދަލުވުން ސިއްރު ކޮށްފިއެެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން، އެ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ޕީޖީ މިއަދު ކޮމިޓީއާ ހިއްސާކުރަން ހަމަޖެހިފައި ވަނި ސިއްރު މައުލޫމާތުތަކެއް ކަމަށެވެ.

އިންތި އެހެން ވިދާޅުވުމުން، އެކޮމިޓީގެ މެންބަރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އެ މައްސަލައާ ބެހޭގޮތުން އެ ކޮމިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުން ތަކަކީ، ސިއްރު ލިޔެކިޔުންތަކަކަށް ވާތީ، އެކަމާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަަތައް އެ ލިޔުންތަކުގެ މައްޗަށް ދައްކަން ޖެހޭތީ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހަޅުއްވާ ކަމަށެވެ.

ހަސަން ލަތީފުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ. އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ދެކޮޅު ހައްދަވާފައިނުވާތީ، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ކޮމިޓީ ބައްދަލުވުން ސިއްރުކަމުގައި ކޮމިޓީގެ މުގައްރިރު ނިންމެވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީން ފޮނުވި ރިޕޯޓުގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ އެ މައްސަލައިގެ ތަހުގީގީ ރިޕޯޓް ޕީޖީ އިން އަނބުރާ އޭސީސީއަށް ފޮނުވައިލި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށް ހުށަހޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް އޭރު ހުންނެވި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ހިމެނޭގޮތަށް 11 ފަރާތަކަށް ދައުވާ ކުރަން އޭސީސީން ފޮނުވިއެވެ.

ވެންޓިލޭޓަރުތައް ގަތުމުގެ މައްސަލަ ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގާ މެދު ޕީޖީއާ އާއި އޭސީސީއާ ދެމެދު ވަނީ ހިލާފު އުފެދިފައެވެ.

އެހެންކަމުން "މި ހިޔާލުތަފާތުވުން އުފެދިފައިވާތީ އަޅުގަނޑު އެދެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި މަސައްކަތް އިތުރަށް ބައްލަވައިދެއްވުމަށް،" މަޖިލިސް ރައީސް ކުރީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި، ދައުލަތަށް ގެއްލުން ވި ފައިސާ އަނބުރާ ދައުލަތަށް ހޯދި އެކަން ނިމެންދެން މަޖިލިސް އެމައްސަލައިގައި ފާރަވެރިކަމާއެކު އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބު ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީ މަޖިލީހާ ހަވާލު ކޮށްފައިވާ ފުޅާ މަސައްކަތް އަދި މަޖިލީހުގެ ހިންގާ ގަވާއިދުވެސް ބަޔާންކުރާ ފުޅާ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.