މާލެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާ މައްސަލަޔާ ގުޅިގެން ޓްރެފިކް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ އެ މައްސަލަޔަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއާ ގުޅިގެންނެވެ.

މި ސިޓީގައި މެންބަރު ކުޑޫ ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުން އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގެ ގޮތުން މަޖިލީހުގެ ތެރެއިން ކުރެވިދާނެ ކަންކަން ފާހަގަކުރައްވައިފަ އެވެ.

މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި، މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ހާއްސަކޮށް ޒުވާނުންގެ ފުރާނަ ގެއްލި، ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހޭ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، 4 އޮގަސްޓް 2025 ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝިއަރީ ކޮމިޓީ ގުޅިގެން އަޑުއެހުމެއް ބާއްވައިދެއްވުމަށް ހުށަހަޅުއްވާފައިވީ ނަމަވެސް މިހާތަނަށް މިކަމަށް ހައްލެއް ހޯދައިދީފައި ނުވާކަން މެންބަރު ކުޑޫ ފާހަގަކުރެއްވި އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް މެންބަރު ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި، މަގުމަތީގެ ނުރައްކާތެރި ހާދިސާތަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ފޯރަމެއް ބޭއްވުމާއި، ކަމާގުޅޭ މުއައްސަސާތަކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުން ހިމެނެ އެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ހިމެނެ އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް ވެސް މެންބަރު ވަނީ ބާރުއަޅުއްވައިފަ އެވެ. އެގޮތުން ނުރައްކާތެރިކޮށް އުޅަނދު ދުއްވައިގެން މީހަކު މަރުވާ ހާދިސާތަކުގައި ދެވޭ އަދަބުތައް ބޮޑުކުރުމާއި، ލައިސަންސް ބާތިލުކުރުމާއި، ތަކުރާރުކޮށް ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ދާއިމީކޮށް ލައިސަންސް ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެކްސިޑެންޓްތަކުގައި އަނިޔާވާ ފަރާތްތަކަށް ލިބޭ ބަދަލު ކަށަވަރުކޮށްދޭނެ އިންޝުއަރެންސް ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.

މެންބަރުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެކްސިޑެންޓްތަކުގެ ތަހުގީގުތަކާއި ޝަރީއަތްތައް އަވަސްކުރުމަށްޓަކައި ވަކި މުއްދަތުތަކެއް ކަނޑައެޅުން މުހިންމެވެ. އަދި މާލެއާއި ހުޅުމާލޭގައި ބާރު ސްޕީޑުގައި އުޅަނދު ދުއްވުން ހުއްޓުވުމަށްޓަކައި ސްޕީޑް މޮނިޓަރިން ކެމެރާތަކާއި އޮޓޮމެޓިކް އެންފޯސްމަންޓް ސިސްޓަމްތައް ގާއިމުކުރުމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ކަމާގުޅޭ އިދާރާތަކަށް ހަމަޖައްސައިދިނުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.

މި ހުށަހެޅުންތަކަކީ ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށް، މަގުމަތީގެ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހުށަހެޅި ކަންކަންކަމަށް މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވި އެވެ. އެހެންކަމުން މެންބަރު ވަނީ މި މައްސަލަޔަށް އަވަސް ހައްލެއް ހޯދުމަށް މަޖިލީހުގެ ރައީސްގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން އެކަމާ ގުޅިގެން މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ޓްރެފިކް ޕޮލިހުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލު ނުވުމުގެ ސަބަބުން، އުޅަނދުފަހަރު ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އެކްސިޑެންޓުތަކުގައި އެތައް އާއިލާއެއް ބިކަވެ ނިކަމެތި ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް އެކްސިޑެންޓްތައް މަދުކުރުމަށް ގާނޫނުތަކަަށް އިސްލާހު ގެނެސް ބޮޑެތި ކަންތައްތަކެއް ކޮށްފައިވާ ކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، އެކަމަށްޓަކައި އެންމެ ފަހުން ހެދި އާ ގާނޫނުން ނެޝަނަލް ރޯޑް ސޭފްޓީ ކައުންސިލެއްވެސް އުފައްދާފައިވާ ކަމަށެވެ.

އެ ކައުންސިލްގައި ޓްރާންސްޕޯޓް މިނިސްޓަރާއި ބަންޑާރަނާއިބާއި، ހޯމް މިނިސްޓަރާއި، ހައުސިން މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސް ހިމެނެއިރު، ކެބިނެޓްގެ އެންމެ އިސް ވަޒީރުން ތިއްބަވައިގެން އެ ކައުންސިލުން ކުރަނީ ކޮން ކަމެއްތޯ ބަލާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒު ވިދާޅުވީ، ދިވެހީނަށްވުރެ ބޮޑަށް ބިދޭސީން ގަވާއިދާ ހިލާފުވާ ކަމަށެވެ.

މާލޭ ސަރަހައްދުގެ މަގުތަކަކީ ކެމެރާތައް ހުންނަ ތަންތަން ކަމުން ޓްރެފިކް މައްސަލަތައް ބެލޭނެ ގޮތްތައް އޮންނައިރުވެސް ފުލުހުން އެންމެ ރަނގަޅަށް އެކަން ނުކުރާކަންވެސް މެންބަރު ފާހަގަ ކުރެއްވިއެެވެ.

ފުލުހުންނަށް ޓްރެފިކް ނުބެލެހެއްޓޭކަން ފާހަގަ ކުރައްވައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވީ، އެންމެ ފަހުން ހިނގި ހިތާމަވެރި އެކްސިޑެންޓަކީވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ދެމަފިރިޔަކު ނިކުމެގެން އުޅެނިކޮށް ހިނގި އެކްސިޑެންޓެއް ކަމަށެވެ. އެއީ ބާރަށް ދުއްވޭ މަގެއްގައި ހިނގި ކަމެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ.

ނަަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހަކީ އެ ބާވަތުގެ މައްސަލަތަކުގައި ފަސް ވަނަ ފަހަރަށް ހައްޔަރުކުރި މީހެއް ކަމަށާއި، އެއް ކަމެއްގައި ފަސް ފަހަރަށް މީހަކު ހައްޔަރު ކުރަން ޖެހުމަކީ އެކަމަށްޓަކައި ހަދާފައިވާ ގާނޫނުތަކުގެ ނުނހިގާކަން ދޭހަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.