ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުމާގުޅޭ އުސޫލުތައް މުރާޖައާކުރުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު މަޖިލީހަށް ހުށަހެޅުއްވި މި ބިލު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެެރެއިން ވޯޓު ދެއްވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ހުށަހެޅި ބޭނުމެއް ކަަމަށް ބިލުގައި ބުނެފައި ވަނީ، ޖިނާއީ މައްސަލަ ތަކުގައި ހެކި ހާމަކުރުމާގުޅޭ އުސޫލުތައް މުރާޖައާ ކުރުމާއި ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ބިލުގައި އާއްމުގޮތެއްގައި ހިމެނެނީ، ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ލިބޭ އިހުތިޔާރު ފުޅާކުރުމަށް ގެންނަ ބަދަލުތަކެކެވެ. އެގޮތުން، ހާމަކުރަން ނުޖެހޭ މައުލޫމާތާއި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުގައި ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކަށް އޮންނަ އިހުތިޔާރުތައް ބިލުގައި ވަނީ ވަކިވަކިކޮށް، ތަފްސީލުކޮށްފައެވެ.

މި ބިލުގައި ހެކި ރައްކާތެރިކުރުމާއި މައުލޫމާތު ސިއްރު ކުރުމުގައި އެންމެ ބޮޑަށް ފުޅާކޮށްފައިވަނީ ދައުލަތަށް ލިބޭ އިހުތިޔާރުތަކެވެ.

މިހާރު ގާނޫނު އޮންނަގޮތުން ދައުލަތުން ހާމަކުރަން ނުޖެހޭ މައުލޫމާތުތަކުގެ ގޮތުގައި އޮންނަނީ، ތަހުގީގީ އިދާރާތަކުގެ އެކަނި ބޭނުމަށް ތައްޔާރުކުރާ ރިޕޯޓު ފަދަ ލިޔުންތަކާއި ސަރުކާރުގެ މުވައްޒަފަކަށް، ވަކީލަކަށް އަދި ހެކިވެރިޔަކު ނުވަތަ ހެކިވެރިޔަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާންތައް ފަދަ ތަކެއްޗެވެ.

ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅޭ ހާލަތްތަކުގައި، ކޯޓަށް ލިބިދޭ އިހުތިޔާރުގެ ދަށުން މިހާރު އެ އިހުތިޔާރު ލިބެނީ އެއްވެސް މީހަކަށް ޖިސްމާނީ ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން، މަޖުބޫރު ކުރުން، ތަހުގީގަށް ހުރަސް އެޅުން، ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން ނުވަތަ ހަލާކުކޮށްލުން ނުވަތަ ގެއްލުވާލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައެވެ.

މި ބިލުގައި ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި ދައުލަތުގެ ހެކި ސިއްރުކުރުމާއި ރައްކާތެރިކުރުމުގެ އިތުރު ހާލަތްތަކެއް ވަނީ ހިމަނައިފައެވެ.