ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތްކުގައި، އިހުމާލުވާ ފަރާތްތަކަށް، ދައުވާ ކުރުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ އެ މައްސައިގެ ތަހުގީގީ ރިޕޯޓް އަލުން އޭސީސީއަށް ފޮނުވާލާފައިވާތީ އެ މައްސަލަ ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ހެލްތު މިނިސްޓަރު އަބުދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ 24 މެންބަރުން ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް ބަހުސް ފެށުމުގެ ކުރިން މިނިސްޓަރަށް ދޭން ޖެހޭ 14 ދުވަހުގެ މުއްދަތު ރޭ އިޝާނަމާދަށްވުރެ މާގިނައިރުތަކެއް ނުވެ މިނިސްޓަރަށް ދީފައިވާ ކަމަށެވެ.

ނަމަވެސް ރޭ މެންދަމުން އަލިވެ، ކޮންމެވެސް ވަގުތެއްގައި ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފިކަން މީޑިއާއިން އޮޅުންފިލާފައިވާ ކަމަށާއި، އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމުގެ މައްސަލަ ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގާ މެދު ޕީޖީއާ ދެމެދު ހިލާފު އުފެދިފައިވާ ކަމަށެވެ. އެ މައްސަލައިގައި ދައުވާ އުފުލާނެ މިންވަރުގެ ހެއްކެއް ގަރީނާއެއް ނެތްކަމަށް ޕީޖީ ވިދާޅުވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން "މި ހިޔާލު އުފެދިފައިވާތީ އަޅުގަނޑު އެދެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި މަސައްކަތް އިތުރަށް ބައްލަވައިދެއްވުމަށް،" ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި، ދައުލަތަށް ގެއްލުން ވި ފައިސާ އަނބުރާ ދައުލަތަށް ހޯދި އެކަން ނިމެންދެން މަޖިލިސް އެމައްސަލައިގައި ފާރަވެރިކަމާއެކު އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބު ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީ މަޖިލީހާ ހަވާލު ކޮށްފައިވާ ފުޅާ މަސައްކަތް އަދި މަޖިލީހުގެ ހިންގާ ގަވާއިދުވެސް ބަޔާންކުރާ ފުޅާ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

"ތިޔަ މެންބަރުން މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވުމަށްޓަކައި ރައްޔިތުންގެ ގާތުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަ ތަކުގެ އަސާސް، ހިޔާނާތާއި ވައްކަމާއި، މިބާވަތުގެ ކަންކަން ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި އަށަގަތަ ނުދިނުމަށް، މެންބަރުން އަބަދުވެސް ތި ތިއްބަވަނީ ކަމަރު ބަންނަވައިގެން، އެއީ އަޅުގަނޑަށް ލިބޭ ވަަރަށް ބޮޑު އުފަލެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އޭސީސީން ފޮނުވި ރިޕޯޓުގައި އެ ބޭފުޅުންނަށް ދައުވާކުރަން ބޭނުންވާ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ ޕީޖީން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުއްވާލައްވައިފައެވެ.