ކޮވިޑް 19

ފުވައްމުލަކު ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މަރިޔަމް ޝަހުދާ

ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ސިޓީގައި ހޯމް ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު ހޮނިހިރު ދުވަހު ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިއަދު ޕޮޒިޓިވް ވިކަން އެނގުނު މީހަކީ ހުކުރު ދުވަހު އެ ސިޓީން ޕޮޒިޓިވް ވި މީހާއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ. އަދި މިއަދު ޕޮޒިޓިވް ނަތީޖާ ލިބުނު މީހާގެ ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި، އެމީހާގެ ހާލު ރަނގަޅު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

ފުވައްމުލަކު ސިޓީގައި މިވަގުތު ތިބި ޕޮޒިޓިވް ދެ މީހުންވެސް ތިބީ ފުރަބަންދުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ކޮވިޑް 19 އިން ރައްކާތެރިވުމަށް އެސިޓީގައި ދިރިއުޅޭ ރައްޔިތުން އިތުރަށް ފަރުވާތެރި ވެ، ގައިދުރުކަން ބަހައްޓައި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.

މި ރޯގާ ފެތުރުނަ ނުދިނުމަށް މިވައިރަހަށް ޕޮޒިޓިވް ވާ މީހުންނާއި އެމީހުންގެ އާއިލާގެ މެންބަރުންނާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ފުވައްމުލަކު ސިޓީން މީހަކު ކޮވިޑަށް ޕޮޮޒިޓިވް ވެފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ސިޓީން ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި 36 އަހަރުގެ އަންހެނެކެވެ.