ސްރީ ލަންކާގައި ކޮވިޑަށް ޓެސްޓުކުރުން އިތުރުކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާއިރު އެކި ގައުމުތަކުން އަންނަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

އޭޝިޔާގެ ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު ލަންކާއިން ވަނީ އެ ގައުމުގެ އާންމުންގެ ރައްކަލަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފައެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ ކޮވިޑްގެ ކޭސްތައް ފެތުރޭތޯ ބެލުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން، ހޮސްޕިޓަލުތަކުގައި ކޮވިޑް ފެތުރޭތޯ ބެލުމަށް ޕީސީއާރު ޓެސްޓު ހެދުން އިތުރުކުރުމަށް ނިންމައި އެގޮތަށް އަމަލުކުރުމަށް އަންގައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ އަނިލް ޖަސިންގްހޭ ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ވަނީ އެ ގައުމުގެ ހޮސްޕިޓަލުތައް އެލާޓަށް ގެނެސްފައިވާކަމަށާއި ޓެސްޓުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އާލާތްތައް ހަމަކޮށް ހޮސްޕިޓަލުތަކަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ.

ޑރ އަނިލް ވަނީ ހުރިހާ ހޮސްޕިޓަލުތަކުގައި ތިބި ބަލި މީހުންގެ ކަންކަން ވެސް ގާތުން ބަލައި، ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނޭތޯ ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.