މަޖިލިސް މެންބަރު އަލީ ނިޔާޒް

އިދިކޮޅުން ލޯޔަލްޓީ ކާޑު ތައާރަފުކުރުމުން އަލީ ނިޔާޒް: ޕާޓީގެ މެންބަރުން ދަރަޖަކުރުމަކީ ތަފާތުކުރުން

އަލީ ޔާމިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީ އާއި ޕީޕީއެމުން އެ ދެ ޕާޓީގެ މެންބަރުންނަށް އަމާޒުކޮށްގެން ލޯޔަލްޓީ ކާޑެއް ތައާރަފުކުރުމުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ފާޑުވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީ މެންބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެއީ މެންބަރުން ތަފާތުކުރުން ކަމަށެވެ.

"ޕާޓީގެ ކޮންމެ މެންބަރެއްގެ ވެސް ޕާޓީއަށް ލޯޔަލްޓީ އޮންނަންވާނީ އެއް މިންވަރަކަށް. މީއީ މެންބަރުން ތަފާތު ކުރުން." ނިޔާޒް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވަނީ ލޯޔަލްޓީ ކާޑުގެ ހަތަރު ބާވަތެއް ތައާރަފު ކޮށްފައެވެ. އެއީ އެއީ މެޖެންޑާ، ސިލްވާ، ގޯލްޑް އަދި ޕްލިޓީނިއަމް އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިފަދަ ކާޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ. އެ ކޯލިޝަނުން ތައާރަފުކުރި ލޯޔަލްޓީ ކާޑު އެންމެ ފުރަތަމަ ހަދިޔާކޮށްފައިވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކާޑާއި ހަވާލުވެވަޑައިގެންނެވީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ލޯޔަލްޓީ ކާޑާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕްރޮގްރެސިވް ކޯލިޝަންގެ ފަންޑް ރެއިސިން ޑިޕާޓުމަންޓާ ހަވާލުވެ ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ލޯޔަލްޓީ ކާޑު ބިނާވެފައިވަނީ ރައީސް ޔާމީނުގެ ސިޔާސީ ފަލްސަފާ އާއި އެމަނިކުފާނުގެ ފިކުރުފުޅުގެ މައްޗަށް ކަމަށެވެ. ލޯޔަލްޓީ ކާޑަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައިވެސް ތައާރަފުކުރާ ކާޑެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ލޯޔަލްޓީ ކާޑާއެކު ޕްރޮގްރެސިވް ކޯލިޝަންގެ ކާޑު ސެންޓަރެއް ގާއިމުކުރެވި، އެ ސެންޓަރު މެދުވެރިކޮށް އެ ޕާޓީގެ އާންމު މެންބަރުންނަށް އެ ކޯލިޝަންގެ އިސްވެރިންނަށް ފަސޭހަކަމާއެކު ގުޅައިލެވޭނެ ކަމަށެވެ.