ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކަކަށް ފަހުން، އަލުން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު ގެސްޓުހައުސްތަކަށް އައި ފުރަތަމަ ފަތުރުވެރީންނަށް މަރުހަބާ ކިޔައިފި އެވެ.

ގެސްޓުހައުސްތައް އަޅުން ހުޅުވުގެ ހުއްދަ ދިނުމާއި ގެސްޓުހައުސްތަކަށް އައި ފުރަތަމަ ފަތުރުވެރީންނަށް މަރުހަބާ ކިޔުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކ. މާފުށީގަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ވަން" އަށް ވިދާޅުވި ގޮތުގައި މިއަދު މާފުށީގައި ހުޅުވީ ހަތަރު ގެސްޓް ހައުސް އެވެ. ކުރިއަށް އޮތްތާގައި، ގެސްޓްހައުސްތަކަށް ހުއްދަ ދޭ މިންވަރަކުން އަލުން ގެސްޓް ހައުސްތައް ހުޅުވަމުން ދާނެ ކަމަށް އުސްމާނު ވިދާޅުވިއެވެ. މީގެ އިތުރުން އަލުން ރަށަށް ފަތުރުވެރިން އައުމުގެ ހުއްދަ ލިބުމާއެކު، ރަށުގެ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެކި ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އުސްމާނު ވިދާޅުވިއެވެ.

އެގޮތުން އެޗްޕީއޭގެ ގަވައިދުތަކަށް ރައްޔިތުން އަހުލުވެރި ކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ އެކި ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށާއި ރަށަށް އަންނަ ފަތުރުވެރިންނަށް އުޅެވޭނެ ވަކި ސަރަހައްދު ތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށް އުސްމާނު ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑް 19ގެ މި ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރައްޔިތުންގެ އިތުރުން ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަކި ގައިޑްލައިނެއްގެ ދަށުން އަލުން ލޯކަލް ޓުއަރިޒަމް ފަށާފައިވާއިރު، މި ގައިޑްލައިނާއި އެއްގޮތަށް އެންމެންވެސް އަމަލު ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ގެސްޓްހައުސްތައް ހުޅުވުމަށް ކުރިން ނިންމާފައި އޮތީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ގެސްޓްހައުސްތައް ހުޅުވުން މިއަދަށް ފަސްކޮށްފައެވެ.