ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފި އެވެ.
އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތަކަށް ދައްކަން ޖެހޭ ފައިސާ، އެސްއޯއެފް މެދުވެރިކޮށް، ރައީސް ޔާމީންގެ ބޭންކު އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަަށް ތުހުމަތު ކުރާ މައްސަލައިގައި، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަށް އެކައުންޓެއް 13 ޑިސެމްބަރު 2018 ވަނަ ދުވަހުން ފެށިގެން ފްރީޒް ކުރުމަށް ފުލުހުންގެ އެދުމުގެ މަތިން، ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމާ ގުޅިގެން އެ ހުކުމް ބާތިލްކޮށް، ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން އަމުރު ކުރީ 31 މާޗް 2019 ގައެވެ.
ނަމަވެސް ހައިކޯޓުގެ އެ ހުކުމާ ގުޅިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ހައިކޯޓުގެ ހުކުމަށް ވަނީ ތާއީދު ކޮށްފައެވެ.
ސުޕްރީމްކޯޓުގެ މިއަދުުގެ ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ހުސްނުއްސުއޫދު، އިއްވެވި ހުކުމްގައި ވަނީ، "ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދު ކޮށްފިން،" ކަމަށެވެ.
ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން އެދުނު ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ އެކައުންޓްތަކުގައި ހުރި ފައިސާ ނުހިފަހައްޓައިފިނަމަ އެ ފައިސާއިން މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީ އާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުސަތު އޮތްކަމަށް ފެންނާތީ ކަމަށެވެ.
ނަމަވެސް ރައީސް ޔާމީންގެ އަށް އެކައުންޓް ފްރީޒްކުރަން ހުށަހެޅިއިރު އެ އަށް އެކައުންޓުގައިވާ ފައިސާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް، 10 ޖޫން 2018 ވަނަ ދުވަހު އާމީންގެ އަމިއްލަ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންތަކުން ޖަމާކޮށްފައިވާ އެއްމިލިޔަން ޑޮލަރުގެ މުއާމަލާތާއި، ގުޅުނީ ކިހިނެއްކަމެއް ނުވަތަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އާއި އެ އަށް އެކައުންޓްގައިވާ ފައިސާއާ ގުޅުމެއް އޮތްކަން ބަޔާންކޮށްފައި ނުވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ފަނޑިޔާރު ސޫދުގެ ރައުޔަށް، މިއަދު ގެ ބެންޗުގައި ތިއްބެވި އަނެއް ދެ ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ވަނީ ތާއީދު ކުރައްވައިފައެވެ.
ސުޕްރީމް ކޯޓް