ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކަންކަން އެކަކު އަނެކަކަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން ކުރާ މަސައްކަތް ހުއްޓާލުމަށް ރައީސް ސޯލިހު ރައީސް ނަޝީދަށް އަންގާފައިވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް އެއްވެސް މެންބަރަކު ސޮއިކޮށްފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް މަޖިލީހަށް ވައްދާފައެއްވެސް ނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގައި މަޝްވަރާތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް ސޯލިހަކީ އެކަކު އަނެކަކު ގާތުގައި ކަންކަން ހުއްޓައި އަދި ކަންކަން ފަށަން ބުނަން ޖެހޭ ދެބޭފުޅުންނެއް ނޫން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަޅުގަނޑާއި އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކު ގާތުގައި ކަންކަން ހުއްޓާށާއި ކަންކަން ފަށާށާއި ބުނަން ޖެހޭ ދެމީހުންނެއް ނޫން. އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކަށް އަޅުގަނޑުމެން ދެމީހުން ކުރާ ކަންކަން ވަރަށް ސާފުކޮށް އެނގިތިބެ އެކަން ކުރަމުން ގެންދާ ބައެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ނުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، އިތުބާރު ގެއްލޭ ފަދަ ކަމެއް ފައްޔާޒު ކުރައްވާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް