އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ، ހުކުމް އިއްވުން މިއަދު އޮންނާނެއެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތީ މިއަދު 10:30 އަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.

އެ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އެކެވެ.

އެ މައްސަލަތަކުގެ ހުކުމް އިއްވުން މިއަދު ބާއްވަން ކޯޓުން ނިންމާފައިވަނީ އެ އީ އަވަސް ނިޔާގެ މައްސަލައަކަށް ވާތީއެވެ. އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ކޯޓުން ނިންމީ، އެ ދައުވާތަކަށް އަދީބު އިއުތިރާފުވެފައި ވާތީއެވެ.

ނަމަވެސް އެއީ، ދައުލަތާއެކު އޭނާ ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.

މިދިޔަ ބުދަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި، ގާޒީ ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މަޖުބޫރުކަމެއްނެތި ހަމަ ހޭގައި ހުރެގެން ކަމަށެވެ. އެހެން ކަމުން އެ އެއްބަސްވުން ކޯޓުން ބަލައިގަންނަ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެ އެއްބަސް ވުމުގެ ދަށުން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އޭނާގެ މައްޗަށް އަންނަ ހުކުމަށް ލުއިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެލުޔާއެކު އިއުތިރާފު އެއްބަސްވުމުގައި އަދީބުގެ މައްސަލަތަކަށް ކަނޑައަޅަން ނިންމާފައިވާ އަދަބުތަކަށް ބަލާއިރު މި މައްސަލަތަކަށް އަދީބުގެ މައްޗަށް 20 އަހަރު ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

އެ މައްސަލަތަކުގެ ހުކުމް އިއްވުމަށް މިއަދު ތާވަލު ކޮށްފައިވާއިރު، އެ މައްސަލަތައް ނިމެންދެން ޖަލުގައި ބަންދު ކުރަން އަމުރުކޮށްފައި ހުންނެވި، އަދީބު މިހާރު ހުންނެވީ ގެއަށް ބަދަލު ކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އަދީބު ގެއަށް ބަދަލު ކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކޯޓުގެ ހުއްދައާއެކުގައި ކަމަށެވެ.