ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، މަންފާ ހޯދި ކަމަށް ތުހުމަތުކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، (37އ)، 109 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި މިއަދު ފަށައިފިއެވެ.

ހައިކޯޓުގެ މިއަދުގެ އަޑުއެހުމުގައި ޝިފާއުގެ ފަރާތުން އެ މައްސަލަތަކުގެ އިސްތިއުނާފު ހުށަހެޅުއްވީ، އޭނާގެ ދިފާއީ ވަކީލު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ދައުލަތުން ޝިފާއުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ހަތް ދައުވާއަކާއި، މަކަރާއި ހީލަތް ހެދުުގެ ހަތް ދައުވާއެވެ.

މި ދައުވާތަކުގެ ތެރެއިން މަނީ ލޯންޑަރިންގެ ދައުވާތަކަށް 70 އަހަރަށް ޖަލަށްލުމަށް ޝިފާއުގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާގެ އަދަބެއްގެ ގޮތުގައި 30 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ސައްހަ ނޫން ލިޔުމެއް އުފެއްދިކަމުގެ ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއު ނުވަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޖަލު ހުކުމުގެ އިތުރުން ޝިފާއު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާ އާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން އެ އަހަރުގެ މެއި 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.