ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ކުރާ ދައުވާގައި، ވަކީލަކު އައްޔަންކުރަން 10 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ދީފިއެވެ.

އެ މައްސަލައިގައި ސައުދުގެ މައްޗަށް ދެ ދަވާއެއް ދައުލަތުން ކުރެއެވެ.

އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުން:

މި ދައުވާ ސައުދު އަލީއަށް ކުރަނީ އެ ސިޓީގެ އާބާދީ 10,000 ފުރިހަމަވާ ރަށެއް ގޮތުގައި ދެއްކުމުގެ ގޮތުން، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ސިޓީއާ އެކު ލޯކަލް ގަވާމަންޓު އޮތޯރިޓީއާ ހިއްސާ ކުރި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާތީއެވެ.

އަދި އެ ލިސްޓްގައި ހިމެނޭ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާ ކުރުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން އެދުމުން، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ސިޓީއާއެކު ލޯކަލް ގަވާމަންޓު އޮތޯރިޓީއާ ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ގދ. ތިނަދޫގެ އާބާދީއަކީ 10,150 މީހުން ކަމަށް ބުނެ، ސައްހަ ނޫން ލިސްޓެއް ލޯކަލް ގަވާމެންޓް އޮތޯރިޓީއާ ހިއްސާކޮށްފައިވާތީއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން:

މި ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގުގައި، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާ ކުރުމަށް ފުލުހުން އެ ކައުންސިލްގައި އެދުމުން، އެ ލިސްޓުތައް ފޯރުކޮށްނުދީ، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ފެކްސް މެސެޖުން، ގދ. ތިނަދޫ ކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލަތަކުގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފައެވެ.

އެ މައްސަަތަކުގެ މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި ދައުވާ ސާފުކޮށްދިނުމަށްފަހު، ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ސައުދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެހެންކަމުން ދެން މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ މުއްދަތަށް ފަހުގައެވެ.