މަސްތުވެގެން މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފުލުހުން ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލުމުން އެކަން ކުށްވެރިކުރާ ކަމަށާއި އެމީހާ ވަގުތުން ހައްޔަރު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

މަސްތުވެގެން މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި އިންޑިއާ މީހާ، ޖެހިގެން އައި ހުކުރު ދުވަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ މަސްތުގެ ހާލަތުގައި ގައި ހުރެ މާތްﷲ އަށް ނިސްބަތްކޮށް ބަދުބަސް ބުނެ، އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔަ އިންޑިއާގެ ރައްޔިތަކު ހައްޔަރުކުރި ނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެހާ ފާޅުކަން ބޮޑު ގޮތެއްގައި މާތް ﷲ އަށާއި ދީނަށް ފުރައްސާރަ ކުރަމުން ގެންދަނިކޮށް ހައްޔަރުކުރެވުނު މީހަކު ދޫކޮށްލުމުން، މި ސަރުކާރުން ދީނަށް ކުރާ އިހުތިރާމާއި ދެމުން ގެންދާ އަހައްމިއްޔަތުގެ މިންވަރު ވަރަށް ސާފުކޮށް ހާމަވެގެންދާ ކަމަށާއި ސަރުކާރުގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

"އެފަދަ މީހަކަށް، އެއީ ކޮންމެ ގައުމެއްގެ މީހަކު ކަމުގައިވީ ނަމަވެސް، މިނިވަންކަމާއެކު މުޖުތަމައުގައި އާންމުގެ ތެރޭ އުޅެވިގެންވާނެ ކަމަށް މިކޯލިޝަނުން ގަބޫލެއް ނުކުރަން. އެހެންކަމުން، އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމައްސަލަ ބަލައި އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅައި ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލަން،" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ މިހާރަކަށް އައިސް ދީނަށް ފުރައްސާރަ ކުރުން އިތުރު ވަމުންދާ ކަމަށާއި އެމްޑީއެން އާއި އެމްޑީއެން ފަދަ ޖަމިއްޔާތަކުން ދީނަށް ފުރައްސާރަކުރުން ހައްދުފަހަނަ އަޅަމުންދާ އިރުވެސް، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސްޖެހެމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ދީނީ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ނުކުރުމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުން ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.