ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީ އާއެކު މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒަަށް 101،635 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 15،000 ހާއްސަ ވޯޓުގެ ތަފާތެކެވެ.
އިއްޔެ ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ރެލީގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވޯޓުގެ ނަތީޖާ އާއެކު ގައުމަށް އުންމީދެއް ގެނެސްދީފި ކަމަށާއި ރައްޔިތުން އިސްކުރީ ގައުމީ ފިކުރު ކަމަށެވެ. އަދި ކުރިއަށް އޮތީވެސް ގައުމު އިސްކުރަންވީ ވަގުތު ކަމަށާއި އެ މަސައްކަތުގައި ބައިވެރިވުމަށް އެހެން ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑަރުނަށް ދައުވަތު ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދިއްކުރާނީ ރަހުމަތްތެރިކަމުގެ އަތް. އަޅުގަނޑު މި ދިއްކުރާ އަތުގައި އަޅުގަނޑު އެދެން ގައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ހިތްޕެވުމަށް. އަޅުގަނޑު މިދޭ ޔަގީންކަމަކީ ގައުމު އިސްކޮށް ގައުމުގެ ބަހާތަކަށް އިހުތިރާމް އަދާކޮށް، ގައުމުގެ މިނިވަންކަމަށް އިހުތިރާމު އަދާކުރާ، ގައުމުގެ ތަރައްގީއަށް އެއް ވިސްނުމަކަށް އަންނަ އަދި ގައުމުގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތުންތަކެއް ކަމަށް ދެކޭ ކޮންމެ ސިޔާސީ ވެރިޔަކާ، ޕާޓީއަކާއެކީގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖެ ވައްޓާލާފައިވާ އިގުތިސޯދީ އަނދަވަޅުން އަރައިގަނެ ގައުމުގެ އިގުތިސޯދު ކޮޅަށް ޖަހާނެ ކަމަށެވެ. އަދި ފަރުދީ ފުދުންތެރިކަން އިތުރުކޮށް ގެދޮރުވެރި އަނބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ރައްޔިތުންނަށް ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހު ގައުމީ ފިކުރުގެ އެންމެން ނުކުމެ، ދިވެހިންގެ ރާއްޖެއަކަށް ދާނެ ދުވަސްކަން ޔަގީން ކުރައްވާ ކަމަށެވެ.
އެކުގައި މަސައްކަތްކުރުމަށް ސިޔާސީ ޕާޓީތަކަށް މުއިއްޒު ދައުވަތު ދެއްވި އިރު، އިއްޔެގެ އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދި "ދަ ޑިމޮކްރެޓްސް" އިން ވަނީ، ދެ ކެންޑިޑޭޓުންނާއެކުގައި މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ޕާޓީގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މިއީ ރައީސް ސޯލިހާއި ފެޔަށް ޖެހި ޕީޕީއެމް އާއެކު އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން އެމްޑީޕީގެ މެންބަރުން ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު