އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާ ފުލުހުން ރޫޅައިލުމުގައި މުޒާހަރާގައި ބައިވެރިވި އަންހެނުންގެ ކަރާމާތަށް އަރައިގެންފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
"ލޭނާރު"ގެ ނަމުގައި އިދިކޮޅުން އިއްޔެ މާލޭގައި މުޒާހަރާކުރީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދާފައިނުވާ ކަމަށް ބުނެ މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ ކައިރީގައި މުޒާހަރާ ފެށިތަނާ، ފުލުހުން އެ ސަރަހައްދަށް ގޮސް، މުޒާހަރާގެ ބައިވެރިން އެ ތަނުން ފޮނުވާލިއެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ، މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީ އަޑު އުފުލަން ނުކުތުމުން ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި 10 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގަކަށްވާއިރު އެ ހައްގު ހަނިކުރުމުގެ ސަބަބުން ރައްޔިތުން އެ ހައްގުތަކުން މަހުރޫމުވަމުންދާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިއްޔެގެ މުޒާހަރާގައި ބައިވެރިވި އަންހެނުންގެ ކަރާމާތް ފުލުހުން ނަގާލާފައިވާ ކަމަށާއި އެއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން އިއްޔެގެ މުޒާހަރާ ރޫޅާލައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އިހުތިޖާޖުގެ ބައިވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލުކޮށްފައިވާއިރު އެއީ ސަރުކާރުގެ އެންގުމަކަށް ޑިމޮކްރަސީގެ އަަސާސްތަކާ ހިލާފަށް އިދިކޮޅު ޕާޓީގެ ހައްގުތަކާއި ޒިންމާތަކަށް އަރައިގަނެ، އެ ފަރާތުން ކޮށްފައިވާ ގައިރު ގާނޫނީ އަމަލަކަށްވާތީ އެފަދަ ކަންކަން ނުހިންގުމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލާ ކަމަށް ވިދާޅުވިއެވެ.
އަދި އިއްޔެގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށާއި އަންހެނުންގެ ކަރާމާތަށް އަރައިގަނެފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ހުސެއިން މުހައްމަދު ލަތީފު ވަނީ ގޮވާލައިފައެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން އެ މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ. އެ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލައަށް ބަހުސްކުރަން 16 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު