ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތްތައް ކުރިއަށްދާ އިރު، އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަޔަކާ ބައްދަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިފަދައިން ވިދާޅުވީ ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓަކަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފޮނުވި ސިޓީއެއްގެ ޖަވާބުގައެވެ.

ރައީސް ސޯލިހާ ބައްދަލުކުރުމަށް އެދި ޕީޕީއެމުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ސޯލިހާ ބައްދަލުކުރަން އެކިފަހަރު މަތިން މަސައްކަތްކުރި ނަމަވެސް، އެ ފުރުސަތު ދެއްވާފައިނުވާ ކަމަށެވެ. އަދި ރައީސް ސޯލިހު އިސްވެ ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރަމުންދާ ކަމަށް އެ ސިޓީގައި ތުހުމަތަުކޮށްފައިވާ އިރު، ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރިއިރު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. އޭގެ އިތުރުން މަޖިލިސް ހުއްޓުމަކަށް ގެނައީވެސް ރައީސް ސޯލިހު ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ޕީޕީއެމަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޕީޕީއެމުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔެފައިވާ ވާހަކަތަކެއް ކަމަށް ރައީސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ޝަރުއީ ކޯޓަކުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަމަށާއި އެ ހުކުމާ ރައީސް ސާލިހާ އެއްވެސް ގުޅުމެއް ނެތްކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

"އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ކުރައްވާނެ ކަމެއް ނޫން،" އެ ސިޓީގައި ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅުންހުރި އެއްވެސް ބަޔަކާ ރައީސް ސޯލިހު ބައްދަލުކުރެއްވުމަކީ ހަމަޖެހޭ ގޮތެއް ނޫންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ގަބޫލުކުރައްވާނެ ކަމަށް ރައީސް ޔަގީން ކުރައްވާ ކަމަށެވެ. އަދި ރައީސްގެ ފަރާތްޕުޅުން އެއްވެސް މީހަކަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރެވޭނަމަ އެ މައްސަލައެއް ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ޝަރުއީ މަރުހަލާގެ ތެރެއިން ކުރިއަށްދިއުމަށް ރައީސް އެެދިވަޑައިގަންނަވާކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މި ސިޓީއާ ގުޅިގެން ރައީސް އޮފީސް ކައިރީގައި ތިއްބަވައިގެން އިދިކޮޅު ކޯލިޝަނުން މީޑިއާތަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީގައި އެންމެ ނުފޫޒުގަދަ ދެ ފަރާތަކީ ސަރުކާރު ހިންގާ ފަރާތާއި ސަރުކާރު ޖަވާބުދާރީ ކުރުވާ ފަރާތް ކަމަށާއި އެހެންކަމުން އިދިކޮޅުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދުމުން ބައްދަލުކުރައްވަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވަނީ އިދިކޮޅަށް ސަރުކާރު ޖަވާބުދާރީކުރުވުން ހުރަސް އެޅުމުގެ ގޮތުން ކަމަށާއި އެއީ ރައީސް ސޯލިހުގެ ބައިވެރިވުމާ އެކީ ކަމަށް އަދުރޭ ވަނީ ތުހުމަތުކުރައްވައިފައެވެ. އަދި އެ ކަންތައްތަކަށް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޝްވަރާކުރުމަށް އިދިކޮޅުން ބައްދަލުކުރަން އެދުމުން އެކަން ނުކުރެވޭ ނަމަ، ރައީސް ސޯލިހު ވެރިކަމުގައި ހުންނަވައިގެން ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.