ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުންވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.
"ރާއްޖޭ ޓީވީ"ގެ ޕްރޮގްރާމެއްގައި ޝާހިދު ރޭ ވަނީ ފާއިތުވި ހަތަރު އަހަރު ހާރިޖީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބުތައް ފާހަގަކުރައްވައި އެއީ ރައީސްގެ ސިޔާސަތުތައް ކަމަށް ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ހާރިޖީ ދާއިރާއިން ރާއްޖެ ހޯދި ކުރިއެރުންތަކަށް އެކަނި ބެލިޔަސް ދިވެހި ރައްޔިތުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށެވެ.
"އެހެންވީމާ މި ސަރުކާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ދިވެހި ރައްޔިތުން ބޭނުންވާކަން އެއީ މާ ސާފުކޮށް އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ހުރިގާ ގައުމަކާ ގުޅިގެން ކުރިއަށް ދިޔުމަށް ކަމަށެވެ. މިދިޔަ ވެރިކަމުގައި ފެނިގެން ދިޔައީ މުޅި ދުނިޔެއާ ރާއްޖެއިން ވަކިވެފައިވާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާރު އިދިކޮޅުން ކުރަމުންދާ މަސައްކަތަކީ ރާއްޖެއާ އަވަށްޓެރި ގައުމެއް "އައުޓް" ކުރުން ގޮވާލުން ކަމަށާއި ނަމަވެސް މިއަދުގެ ދުނިޔެއަކީ ގުޅިލާމެހިފައިވާ ދުނިޔެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިހާރު ގޮވަމުންދަނީ މިވެނި ބަޔަކު އައުޓް، އެވެނި ބަޔަކު އައުޓް އިނގޭތޯ. މިވެނި ބަޔަކާ ދިމާކުރަނީ އަނެއްބަޔަކާ ދިމާކޮށްލަނީ. އެއީއެއް ނޫން މިއަދުގެ ދުނިޔެ، މިއަދުގެ ދުނިޔެއަކީ ލާމެހި ގުޅިފައި އޮތް ދުނިޔެއް" ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭރުގެ ގައުމުތަކުން އެހީ ލިބެމުން ނުދާކަމަށް ބުނެ އިދިކޮޅުން ފާޑު ކިޔަމުންދާތީ ޝާހިދު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ރާއްޖެއަށް ތިން ބިލިއަން ޑޮލަރަށްވުރެން ގިނަ އެހީ ގައުމުތަކުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކުން އެހީ ދީފައިވަނީ އެގައުމުތަކުން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ގައުމުތަކުން ފައިސާ ދެނީ ޕްރޮޖެކްޓް ހިންގަން ކަމަށާއި އެ ފައިސާ ދޫކުރަމުންދާނީ އެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ މިންވަރަކުންކަމަށް ޝާހިދު ވިދާޅުވިއެވެ. "ޖާޑި ޖާޑި ގުޅި ގުޅި" އަށް އަޅާފައި ފައިސާ ނުދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކުރިން އެކަހެރިވެފައިވާ ރާއްޖެ މިހާރު ވަނީ 190 އަށްވުރެ ގިނަ ގައުމުތަކާ ސިޔާސީ ގުޅުން ބަދަހިކޮށްފައި ކަމަށާއި އަދި ބޭރުގެ ބޮޑެތި ގައުމުތައް ކަމަށްވާ އެމެރިކާ އާއި އޮސްޓްރޭލިއާއިން ރާއްޖޭގައި އެމްބަސީ ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ފައިދާ އެންމެ ބޮޑަށް ލިބިގެންދިޔައީ ކޮވިޑް -19އިގެ ބަލިމަޑުކަމުގައިކަމަށް ޝާހިދު ވިދާޅުވިއެވެ.
އިންޑިއާއިން އެއްވެސް ގައުމަކަށް ބޭސް އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތްއިރު ވެސް ރާއްޖެއަށް ދިޔައީ ބޭސް އެކްސްޕޯޓް ކުރަމުންކަމަށް ޝާހިދު ވިދާޅުވިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް އެ ގައުމުތަކުގައި އުޅޭ ދިވެހިން ރާއްޖެ ގެނެވުމަކީ ހާރިޖީ ދާއިރާގެ ކާމިޔާބެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ކާމިޔާބު ކުރެވުނީވެސް ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ސަބަބުންކަމަށް ޝާހިދު ވިދާޅުވިއެވެ.