ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މުޅި ދުނިޔެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ އެމެރިކާ އަދި ބްރެޒިލްގެ އިތުރުން އިންޑިއާއިންނެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ކޮވިޑް ގައި މުޅި ދުނިޔެއިން ދެ މިލިއަނަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް ލަފާކޮށްފައެވެ.

ދުނިޔެއިން އެންމެ ބާރުމިނެއްގައި ކޮވިޑް ފެތުރެމުން އަންނަ އެމެރިކާއިން މިހާތަނަށް ހަތް މިލިއަނަށް ވުރެން ގިނަ ކޮވިޑް ކޭސް ވަނީ ރިކޯޑު ކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ރިޕޯޓު ކޮށްފައިވާ އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ހަ މިލިއަނާ ގާތްކޮށްފައެވެ.